ދުނިޔެ

ކޮރޯނާ ޖެހިފައިވާ އިންޑިޔާގެ ރައްޔިތަކަށް ފަރުވާނުދީ 18 ހޮސްޕިޓަލަކުން ފޮނުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ބަވަރްލާލް ސުޖާނީ ނަމަކަށް ކިޔާ 52 އަހަރުގެ އިންޑީޔާ މީހެއް ކޮރޯނާ ވައިރަސް ޖެހިގެން ފަރުވާ ހޯދުމަށްޓަކައި އެތައް ހޮސްޕިޓަލަކަށް ދިއުމުންވެސް އެ ހޮސްޕިޓަލް ތަކުން އެ މީހާއަށް ފަރުވާ ދިނުމަށް ދެކޮޅު ހަދައިފިއެވެ.

Ads by WAMCO

އެހެންނަމަވެސް އޭނާގެ ކޮއްކޮ ދިނޭޝް ހިތްވަރާއެކު މަސައްކަތް ކުރީ އޭނާއަށް ފަރުވާ އެއް ހޯދައިދިނުމަށެވެ. ނަމަވެސް ފަރުވާ އެއް ނުލިބުމުގެ ސަބަބުން އޭނާއަށް ހަދާނެ ގޮތް ހުސްވެ ލޯބިވާ ބޭބެ އޭނާގެ ކުރިމަތީގައި މަރުވާ މަންޒަރު ބަލަން ޖެހުނެވެ.

ބަވަރްލާލްއަށް ކޮވިޑް19 ގެ އަލާމާތްތައް ފެންނަން ފެށުމާއެކު ލަސްކުރުމެއް ނެތި ދިނޭޝްވަނީ އޭނާގެ ސްކޫޓަރުގައި ބޭބެ ބަގްވާން މަހާވީރް ހޮސްޕިޓަލް ނަމަކަށް ކިޔާ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލަކީ އެމީހުންގެ ގެޔާ 5 ކިލޯމީޓަރު ދުރުގައިވާ ހޮސްޕިޓަލެއް ކަން ފާހަގަ ކުރެވެއެވެ.

ހޮސްޕިޓަލަށް ގެންދިއުމުން އެންމެ ފުރަތަމަ ބޭބެގެ ޓެސްޓް ތައް ހަދައިދިން ކަމުގައި ދިނޭޝް ބުންޏެވެ. އަދި އެއަށްފަހު އެއްވެސް ފަރުވާއެއް ދިނުމެއްނެތި އޭނާގެ ބޭބެ ގޮވައިގެން އެތަން ދޫކޮށް ދިއުމަށް ބުނި ކަމުގައި ދިނޭޝް މައުލޫމާތު ދިނެވެ.

ހޮސްޕިޓަލުގައިވާ މުވައްޒަފުންނަށްވެސް ވަނީ ބަވަރްލާލްއަށް ފަރުވާ ދިނުން މަނާ ކޮށްފައިކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަދި އެއަށް ފަހު ލަސްކުރުމެއް ނެތި ދިނޭޝް އޭނާގެ ބޭބެ އެހެން ހޮސްޕިޓަލަކަށް ގެންދިޔައެވެ. ނަމަވެސް 18 ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެއްވެސް ހޮސްޕިޓަލަކުން ބަވަރްލާލްއަށް ފަރުވާ ދީފައެއް ނުވެއެވެ. ހުރިހާ ހޮސްޕިޓަލަކުންވެސް ވަނީ އޭނާއަށް ފަރުވާ ދިނުމަށް ދެކޮޅު ހަދާފައެވެ.

ބަވަރްލާލްގެ ދަރިފުޅު ބުނީ އޭނާގެ ބައްޕަގެ ވާހަކަ ވަނީ މުޅި އިންޑިޔާގައިވެސް އާންމުވެފައި ކަމަށާއި އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ކަމަށެވެ. އަދި ވަރަށް ގިނަ މީޑިއާތަކުން ވަނީ ކޮވިޑް19ގެ އަލާމާތްތައް ފެނިފައިވާ އެހެންމީހުނަށް ވެސް ފަރުވާ ނުދެވި މަރުވެފައިވާ ވާހަކަ ތަކެއް ރިޕޯޓްކޮށްފައެވެ.

މިކަން މިގޮތަށް ހިނގުމަށް ދިމާވި ސަބަބެއް ކަމުގައި މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވަނީ އިންޑިއާގެ ގިނަ ހޮސްޕިޓަލްތަކުގައި ހުރިހާ އެނދެއް ފުރިފައިވާތީ ކަމުގައެވެ. އެހެން ކަމުން ފަރުވާ ހޯދަން އަންނަ އިތުރު މީހުންނަށް ފަރުވާ ނުދީ ދޫކޮށްލަނީ ކަމުގައި މީޑިޔާ ތަކުން ރިޕޯޓްކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!