ހޮޅުދޫ ދަނޑަށް އެއްވެސް މައްސަލައެއް ދިމައެއް ނުވޭ: މަޙްލޫފް
ނ. ހޮޅުދޫގައި ގާއިމްކުރި ޓާފް ދަނޑު ހަލާކުވެފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން އާއްމުކުރީ ދޮގު ޚަބަރެއް ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
ބޯކޮށް ވާރޭވެހި ހޮޅުދޫ ދަނޑުގައި އަޅާފައި އޮތް ޓާފް ހިއްލިފައި އޮތް ވީޑިއޯއެއް ހޯމަ ދުވަހުގެ ވަގުތެއްގައި ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ. އަދި މީވީޑިއޯއާ ގުޅިގެން ބައެއް މީޑިއާތަކުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ރާއްޖޭގައި ގާއިމްކުރި ފުރަތަމަ ޓާރފް ދަނޑު ހަލާކުވެފައިވާ ކަމަށް ބުނެފައެވެ.
އެހެން ނަމަވެސް މި ޚަބަރުތައް ދޮގުކުރައްވަމުން ކުޅިވަރާއި ބެހޭ ވަޒީރު މަޙްލޫފް ވިދާޅުވީ ބޯކޮށް ވާރޭވެހުމުން ޓާރފްގެ އަޑިއަށް ފެންޖަމާވެ ޓާރފް ހިއްލުމަކީ އާއްމު ކަމެއް ކަމަށާއި އެއީ ސީރިއަސް މައްސަލައެެއް ނޫން ކަމަށެވެ. އެގޮތުން މާލޭގައި ގާއިމްކޮށްފައިވާ ޓާރފް ދަނޑުތަކުގެ ޓާރފް ވެސް ބޯކޮށް ވާރޭވެހުމުން ހިއްލޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ ހޮޅުދޫގައި ގާއިމްކުރި ޓާރފް ދަނޑާއި ގުޅިގެން ޒުވާނުންނާއި އެރަށު ކައުންސިލުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސް ދަނޑުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ..
'ޓާރފް ބްލިސްޓަރސް' ނުވަތަ ބޯކޮށް ވާރޭވެހުމުން ޓާރފްގެ އަޑިއަށް ފެން ވަދެ ޓާރފް ހިއްލުމަކީ އާއްމުކޮށް ދިމާވާ ކަމެއް ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އަދި ވާރޭ ފެން ހިނދުމާއެކު މި މައްސަލަ ހައްލުވާ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ. މާލޭގައި ގާއިމްކުރެވިފައިވާ ދަނޑުތަކުގައި ވެސް ބޯވާރެޔާއެކު ޓާރފް ހިއްލުމަކީ އާއްމު ކަމެކެވެ.
ނ. ހޮޅުދޫގެ ދަނޑަކީ ރައީސް ސާލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރާ 100 ދަނޑުގެ ތެރެއިން ނިންމާލި ފުރަތަމަ ދަނޑެވެ. ފ. ނިލަންދޫގެ ދަނޑު ވެސް އެއްކޮށް ނިންމާލާފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޓާރފް ދަނޑު އެޅުމުގެ މަސައްކަތް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.