ޚަބަރު

އިންޑިއާ ވިސާ ހޯދަން ހޮޓްލައިނެއް ގާއިމްކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހިން އިންޑިއާގެ ވިސާ ހޯދުމަށް އިންޑިއަން ހައި ކޮމިޝަން ދޮށުގައި ކިއު ހަދައިގެން ގިނަ ވަގުތު ތިބެން ޖެހޭ މައްސަލަ ހައްލު ކުރުމަށް ހޮޓްލައިންއެއް ގާއިމް ކޮށްފިއެވެ.

Ads by Sosun Fihaara

އިންޑިއަން ހައި ކޮމިޝަނުން ބުނީ މީގެ ފަހުން އިންޑިއާއަށް ދިއުމަށް ވިސާ ހޯދުމަށް، އެ ކޮމިޝަންގެ ހޮޓްލައިން ނަމްބަރު (7563947) މެދުވެރިކޮށް އެޕޮއިންޓްމަންޓު ހެއްދޭނެ ކަމަށެވެ.

އެޕޮއިންޓްމެންޓު ހެއްދުމަށް ގުޅުއްވާނީ ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރު 12:30 ކަމަށް ވެސް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ކޮމިޝަނުން އިތުރަށް ބުނީ ވިސާ ހެއްދުމަށް އަޅާފައިވާ މި ފިޔަވަޅުތަކަކީ ވަގުތީ ފިޔަވަޅުތަކެއް ކަމަށާއި ކޮމިޝަނުން އެއްވެސް ފަރާތަކަށް އެތަނުން ނަންބަރު ދޫނުކުރާނެ ކަމަށެވެ.

އަދި ވިސާ ހޯދުމަށް ކޮމިޝަނަށް ދާއިރު، ގުޅޭ ހުރިހާ ލިޔެކިޔުންތައް ވެސް ގެނައުމަށް ވެސް އިންޑިއަން ހައި ކޮމިޝަނުން ވަނީ އެދިފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ވަނީ ބަންދު ކުރެވިފައި ކަމަށާއި ނަމަވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން ޖޫން 2020 އިން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިކަން އެކޮމިޝަނުން ފާހަގަ ކޮށްފައިވެއެވެ. އަދި މިހާތަނަށް 5000 މެޑިކަލް ވިސާ ދޫކުރެވިފައިވާ އިރު 2021 ގައި އެކަނިވެސް 2000 މެޑިކަލް ވިސާ ވަނީ ދޫކުރެވިފައިކަމަށް އިންޑިއާއިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!