ބޮޑުފިނޮޅުގެ ބިދޭސީންނަށް މުސާރަނުދީ ގައުމަށް ފޮނުވާލާގެ ކަމުގެ ބިރުދެއްކި!
ބ. ބޮޑުފޮނޮޅުގައި ހަމަނުޖެހުން ހިންގަން މެދުވެރިވީ ސީލް މޯލްޑިވްސްގެ މީހަކު ބިދޭސީންނަށް ބިރު ދެއްކުމުން ކަމަށާއި އެ މީހުން މުސާރަ ނުދީ ގައުމަށް ފޮނުވާލާނެ ކަމުގެ އިންޒާރު ދޭން ފެށުމުން ކަމަށް މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީއަކު ބުނެފި އެވެ.
އެރަށުގައި ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގީ ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުންނަށް މުސާރަ ނުދީގެންނެވެ.
އެ މައްސަލާގައި ހައްޔަރު ކުރި ބިދޭސީއަކު ގާނޫނީ ވަކީލެއް މެދުވެރިކޮށް މިއަދު ވަނީ އެ ހާދިސާ ހިނގައިދިޔަ ގޮތާ ބެހޭ ގޮތުން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ހަމަނުޖެހުން ހިންގަން މެދުވެރިވީ ސީލް މޯލްޑިވްސްގެ މުހައްމަދު އިދްރީސް ނަމަކަށް ކިޔާ މީހަކު ބިދޭސީންނަށް ބިރު ދެއްކުމުން ކަމަށާއި އެ މީހުން މުސާރަ ނުދީ ގައުމަށް ފޮނުވާލާނެ ކަމުގެ އިންޒާރު ދޭން ފެށުމުން ކަމަށެވެ.
"އެއީ ދިވެހީން، މީގެކުރިން ވެސް އެތަނުގައި ތިބީ އެމީހުންނަށްޓަކައި ކަަމަށްވެފައި، މީގެ ކުރީގައިވެސް ސީލް ކުންފުނީގެ ފަރާތުން އެމީހުންނަށް ބިރުދައްކާފައި ވާތީ، ދިވެހިން ފުރައިގެން ދިއުމުން އެމީހުންނަށް އެއްވެސް ރައްކަލެއް ނޯންނާނެ ތީ ކަމަށެވެ." ވަކީލާ ވިދާޅުވިއެވެ.
އަދި އެ އިންޒާރާއެކު ގޭންގު ބަޔަކު އެ ރަށަށް އަރަން މަސައްކަތް ކުރި ކަމަށާއި، ބިދޭސީންގެ އަމިއްލަ ސަލާމަތަށްޓަކައި އެކަން ހުއްޓުވަން މަސައްކަތްކުރުމުން، އެމީހުންނަށް ރަށަށް ނޭރުނު ކަމަށް ބުނެފައިވެއެވެ.
އަދި އޭގެ ފަހުން ރޭގަނޑު އަނދިރީގައި ބަޔަކު އަނެއްކާވެސް ރަށަށް އަރަން އުޅޭ ތަން ފެނުމުން އެ މީހުންނަކީ ކުރިން ވެސް ތޫނު ހަތިޔާރާއެކު ރަށަށް އަރަން އުޅުން މީހުން ކަމަށް ހީކޮށް އެ މީހުން ހުއްޓުވަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއީ ފުލުހުންކަން އެނގުނީ މާ ފަހުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"...އޭގެ ފަހުން ރަށަށް އެރުމަށް ފުލުހުން އެއްވެސް ހުރަހެއް އަޅާފައި ނޯންނާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން އެރަށަށް އަރައި ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ވެސް މި ހުރިހާ ވާހަކައެއް ހަމަ މިގޮތަށް ކިޔާދީފައި ވާނެ ކަމަށާއި އެހެން ނަމަވެސް ތަރުޖަމާނަކު ހަމަޖައްސައި ނުދީ ލިޔުންތަކެއްފައި ސޮއިކުރުވި ކަމަށް ބިދޭސީ މީހާ ބުނިކަމަށް ވަކީލާ ވިދާޅުވިއެވެ.