އެންއައިސީގެ ހަަތަރު މެމްބަރުން ވަކިކުރަން ރައީސަށް ލަފާ އަރުވަން ކޮމިޓީން ނިންމައިފި
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
އެ ހަތަރު މެމްބަރުންނަކީ އެންއައިސީގެ ރައީސް އަހްމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން ޚަދީޖާ އަބްދުﷲ އެވެ. މިއީ، ކުރީގެ ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަންކުރި މެމްބަރުންނެވެ.
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހަޅުއްވައި ކޮމިޓީން ނިންމީ އެ ހަތަރު ބޭފުޅުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ނުކުޅެދިފައިވާ ކަމަށް އެ ކޮމިޓީ އަށް ފެންނަ ކަަމަށެވެ. އެހެންކަމުން އެ ހަތަރު މެމްބަރުން ވެސް މަގާމުން ވަކިކުރަން ރައީސަށް ލަފާއަރުވަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އެންއައިސީގެ ހަތަރު މެމްބަރަކު ވަކިކުރަން ރައީސަށް ލަފާއަރުވަން ކޮމިޓީން ނިންމިއިރު، ދެން އެ ކޮމިޝަނުގައި އިންނަވަނީ މެމްބަރު އަހުމަދު ޖިހާދު އެކަންޏެވެ. މެންބަރު ޖިހާދަކީ މި ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކުރި މެމްބަރެކެވެ. ވަކި ކުރަން ނިންމި ހަތަރު މެންބަރުންނަކީ ކުރީ ސަރުކާރުގެ ދުވަސްވަރު އެ ކޮމިޝަނަށް އައްޔަން ކުރި މެންބަރުންނެވެ.