ވިލިމާލޭގައި ހުރި ރުއްތައް ސާފުކޮށް ބަލަހައްޓާނެ ބަޔަކު ހޯދަނީ

މާލޭސިޓީގެ ވިލިމާލެ އަވަށުގައިވާ ރުށްތަށް އެއް އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ވިލިމާލޭގެ 475 ރުށް އެއް އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށްދީ ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ބަޔަކު ބޭނުންވާތީވެ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މަޢުލޫމާތު ސާފުކުރުން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ 11:00 އަށް ވިލިމާލެ ސިޓީ ކައުންސިލް އޮފީހަށް ދިއުމަށް ވަނީ އެދިފައެވެ. އަދި އަގު ހުށަހެޅުމަށް އަންނަ މަހުގެ 11ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ވިލިމާލެ ސިޓީ ކައުންސިލަށް ދިއުމަށް ވަނީ އެދިފައެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ހިއްޕަވައިގެން ވަޑައިގެން ދެއްވުމަށް ސިޓީ ކައުންސިލް އިން ވަނީ އިލްތިމާސް ކޮށްފައެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސިޓީ ކައުންސިލްގެ ނަންބަރު 3323901 އަށް ގުޅުއްވުމަށް ވެސް ވަނީ އެދިފައެވެ.