އަލީ ވަހީދަށް ކުރެވޭ ތުހުމަތުތައް ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރުމަށް ޣައްސާން ގޮވާލައްވައިފި
އަލީ ވަހީދަށް ކުރެވޭ ތުހުމަތުތައް ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރުމަށް ތ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.
މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފައެވެ.
މިކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމައެކަނި އިސްތިއުފާ ދެއްވުމަށް އެންގުމަކުން ނުވާނެ ކަމަށާއި ޖެހޭނީ މަގާމުން ވަކި ކުރަން ކަމަށެވެ.
"ކަމާ ބެހޭ ފަރާތްތަކުން ޖެހޭނެ މި މައްސަލަ ތަހުގީގު ކުރަން. ހަމައެކަނި އަނގައިގެން ބުނާ ބަހަކަށް މިކަން ވެގެންނުވާނެ." ޣައްސާން ވިދާޅުވިއެވެ.
A simple demand for resignation alone is not enough. Should have been dismissed. Authorities need to investigate all cases relating to ALL offenders. GoM has is obliged to prove that this isn't mere lip service to Gender based issues. #NoMeansNo #EndRapeCulture https://t.co/iAwd9v0agh
— Mohamed Ghassan Maumoon (@mgmaumoon) July 8, 2020
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރޭ ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައިވާ ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާ ގުޅޭ ގޮތުން ސީރިއަސް ތުހުމަތުތަކެއްކޮށް، އެ ވާހަކަތައް ރައީސް ސޯލިހާ ހިއްސާކުރީ، އިއްޔެ އެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރައިސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި އެ މިނިސްޓްރީގެ ސިޔަސީ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.
އަލީ ވަހީދު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.