ކުޅިވަރު

ގާޑިއޯލާގެ ކެރިއަރުގައި އެންމެ ދަށް ނަތީޖާތައް މި ސީޒަންގައި!

ދެން އެމްވީ ، ދެން އޮންލައިން

ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީ އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު މެޗުންވެސް ބަލިވެ އޭނާގެ ކެރިއަރުގައިވެސް އެންމެ ދަށް ނަތީޖާ ނެރުނު ސީޒަނަކަށް މި ސީޒަން ވެއްޖެއެވެ.

Ads by Sosun Fihaara

އިނގިރޭސި ޕްރިމިއަރ ލީގުގައި ރަށުން ބޭރުގައި ސައުތަމްޓަން އަތުން އެކެއް ސުމަކުން މެންޗެސްޓަރ ސިޓީ ބަލިވިއިރު، މިއީ ރަށުން ބޭރުގައި ޖެހިޖެހިގެން ސިޓީ ބަލިވި ތިންވަނަ މެޗެވެ. މިއީ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިންގ ކެރިއަރުގައި މިގޮތަށް ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ސައުތަމްޓަން އަތުން ބަލިވި މި މެޗުގައި 74 އިންސައްތަ ބޯލް ޕޮސެޝަން ހިފެހެއްޓިއިރު، 26 ހަމަލާ ގޯލަށް ފޮނުވާލިއެވެ. އެކަމަކު ގޯލެއް ނުޖެހުމުން އެކަން ގާޑިއޯލާވަނީ ފާހަގަކޮށްފައެވެ.

މެޗަށްފަހު ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލަނޑު ނުޖެހުނީ ކީއްވެކަން ބުނަން ނޭނގޭ ކަމަށާއި، މި ސީޒަނުގައި ޓީމްގެ ކުޅުން އެއްވަރެއްގައި ނުހިފެހެއްޓޭކަމަށެވެ.

މި ބައްޔާއިއެކު ސިޓީއިން ކުރިއަށް ޓްރާންސްފަރގައި ކުޅުންތެރިން ގަންނާނެކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު މިވަނީ ގަދަވެފައެވެ. މިކަމާއި ގުޅޭގޮތުން ގާޑިއޯލާ ބުނީ މެޗަކުން ބަލިވުމަކީ ކުޅުންތެރިން ގަންނަން ޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި ސިޓީގައި މިހާރު އޮތީ އޭނާ ބޭނުންވާ ފެންވަރުގެ ސްކޮޑެއްކަމަށާއި، ކުޅުންތެރިން ކުރާ މަސައްކަތާއިމެދުވެސް ހިތްހަމަޖެހޭކަމަށެވެ.

މެންޗެސްޓަރ ސިޓީ އެންމެފަހުން ކުޅުނު މެޗުގައި ސައުތެމްޕްޓަން އަތުން ބަލިވިއިރު، ލިވަޕޫލްވަނީ އެސްޓަން ވިލާ އަތުން މޮޅުވެ ރެކޯޑު ސީޒަންގައި އިތުރު މޮޅެއް ހޯދާފައެވެ. ސިޓީއާއި ދެމެދު އޮތް ފަރަގު ބޮޑުކުރިއިރު، އެޓީމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ސަދިއޯ މާނޭ އަދި ކާޓިސް ޖޯންސްއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވެ ލިވަޕޫލުން މި ސީޒަންގެ ސައްތައިން ސައްތަ ރެކޯޑު ދެމެހެއްޓިއިރު، އެންފިލްޑްގައި ބާކީ ކުޅެން އޮތް ދެ މެޗު ކާމިޔާބުކޮށް 128 އަހަރުވީ ރެކޯޑެއް ލިވަޕޫލަށް މުގުރާލެވޭނެއެވެ. ލީގުގެ އެއް ސީޒަނެއްގައި އަމިއްލަ ދަނޑު ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް މީގެ 128 އަހަރު ކުރިން ހަދާފައިވަނީ ސަންޑަލެންޑެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!