މީސްމީޑިއާ ޕޯސްޓުތައް ފެނިފައި ކަރަން ޖޯހަރު ހިތްފަޅައިގެން ގޮސްފި، ހަމަ ރޮވެނީ
ދާދި ފަހުން ޑިޕްރެޝަން ގެ ޝިކާރައަކަށްވެ، އަމިއްލައަށް މަރުވި ބޮލީވުޑްގެ ތަރިއެއް ކަމުގައި ސުޝާންތު ސިންގު ރާޖްޕުތު ގެ މަރާއި ގުޅިގެން، ކަރަން ޖޯހަރާއި މެދު މީސް މީޑިއާ ގައި ދެކެވެމުން އަންނަ ވާހަކަތަކާއި ޖޯކު ޖަހާފައިވާ ޕޯސްޓުތަކުގެ ސަބަބުން ކަރަން ގެ ހިތް، ހިތާމައިން ފަޅައިގެން ގޮސްފައިވާ ކަމަށް ކަރަން ގެ ވަރަށް ގާތް އެކުވެރިއަކު ބުނެފިއެވެ.
މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެކްޓަރު ސުޝާންތު ރާޖްޕޫތު އަމިއްލަ އަށް މަރުވި ހާދިސާއާ ގުޅިގެން އޭގެ ޒިންމާ ގިނަ ބަޔަކު އެންމެ ބޮޑަށް އަޅުވާ އެކަކީ ކަރަން އެވެ. ސަބަބަކީ އޭނާ އަކީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ޕްރޮޑިއުސަރު/ޑައިރެކްޓަރުންގެ ތެރެއިން އެކަކަށްވެފައި ނެޕޮޓިޒަމްގެ ކުޅިގަނޑުގެ ރޭހުގެ އެންމެ ކުރީގައި އުޅޭ މީހާ ކަމަށް ގިނަ ބަޔަކު އަބަދު ވެސް ތުހުމަތުކުރުމެވެ.
ސުޝާންތު މަރުވި ދުވަހު ކަރަން އިންސްޓަގްރާމްގައި ބުނީ ޒުވާން އެކްޓަރު ވަކިވެގެން ދިޔައީ އޭނާއާ ބައްދަލުނުވާތާ ވެސް އަހަރެއްހާ ދުވަސް ފަހުން ކަމަށާއި ސުޝާންތު ނެގި ފިޔަވަޅުގެ ޒިންމާ އަށް އޭނާގެ އަމިއްލަ ނަފުސު ވެސް ޒިންމާވާ ކަމަށެވެ.
ގިނަ ބައެއްގެ ފާޑުކިޔުމާއި ކުރިމަތުވަމުންދާ ޕްރެޝަރުގެ ސަބަބުން ކަރަންގެ ސިއްހަތަށް އެކަމުގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށް ކަރަން ގެ ގާތް މީހަކު ވަނީ ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
އޭނާ ބުނި ގޮތުގައި ކަރަން އަށް ފާއިތުވި އަހަރުތަކުގައި ކުރި ފުރައްސާރަތަކުގެ ސަބަބުން ކަރަން އޭނާގެ އަމިއްލަ ނަފްސު ވަރަށް ވަރުގަދަ ކަމަށް ގަބޫލުކުރި ކަމަށާއި ނަމަވެސް މިކަން ދިމާވުމާއެކު ކަރަން މުޅިން ބަލިކަށި ވެފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކަރަންގެ ތިން އަހަރުގެ އެއްމާބަނޑު ދެ ކުދިންނަށް މަރުގެ އިންޒާރު ލިބެމުން އަންނަ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އަދި މިކަމާއި ގުޅިގެން ކަރަން އާންމުންނާ ވާހަކަ ދައްކާ މާފަށް އެދުމަށް ގިނަ ބަޔަކު އެދެމުން އައި ކަމުގައި ވިޔަސް ކަރަން މިވަގުތު ހުރީ ވާހަކަދެއްކޭ ފަދަ ހާލަތެއްގައި ނޫން ކަން އޭނާ ފާހަގަކުރިއެވެ. އެގޮތުން ގުޅާ ކޮންމެ ފަހަަރަކުވެސް އެވާހަކަ އާ ދައްކާ ކަރަން ރޮއެ ހަދާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.