ޓުއަރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ފައްޔާޒުއާ ހަވާލުކޮށްފި
ޓުއަރިޒަމް މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާމް އާ ހަވާލުކޮށްފިއެވެ.
ފައްޔާޒުއާ ޓޫރިޒަމް މިނިސްޓްރީ ހިންގުން ހަވާލު ކުރީ އެ މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު އެ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން އޭނާ މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރީ ވަގުތީގޮތުން ހިންގުން މިއަދުން ފެށިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާ ހަވާލުކުރައްވާފައިވާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް އަދި އެ އިދާރާތަކުން ހާމައެއް ނުުރެ އެވެ.