ރައީސް ޔާމިން އަތުން ފަސް މިލިއަން ޑޮލަރު ހޯދަން އޭޖީ ކޯޓަށް ހުށަހަޅަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމާ އެއްގޮތަށް މުއްދަތު ހަމަވިއިރު ވެސް ފައިސާ ދައްކާފައިނުވާތީ ބަންޑާރަ ނައިބު ކޯޓަށް ދިޔުމަށް ނިންމަވައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ފަސް މިލިއަން ޑޮލަރު މީރާ މެދުވެރިކޮށް ދައުލަތައް ދައްކަން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތައް ފައިސާ ނުދައްކަވާތީ ކޯޓަށް ހުށައެޅުއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
"ހުކުމާ އެއްގޮތައް ދައުލަތައް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރު ލިބިފައިނުވާތީ އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ގާނޫނުގައިވާ ގޮތުގެ އަޅުގަނޑު ކުރަމުން ގެންދާނަން. އެ މައްސަލަ ކޯޓަށް ހުށައެޅުމުގެ ކުރަން ފުރިހަމަ ކުރަން ޖެހޭ ކަންކަން މި ދަނީ ކުރަމުން. އަދި އެކަން ނިމުމާއެކު އެ ފައިސާ ހޯދަން ކޯޓަށް ހުށައަޅާނަން." ބަންޑާރަ ނައިބުގެ އޮފިހުން ބުންޏެވެ.
ފަސް މިލިއަން ޑޮލަރު ދެއްކުން ފަސްކޮށް ދިނުމަށް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އެވެ. ނަމަވެސް އެ ކޯޓުން ނިންމާފައިވަނީ އެކަން ފަސްކުރުމުގެ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ޖަލުގައި ހުންނަވައިގެން ފަސް މިލިއަން ޑޮލަރު ދެއްކުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 28 ވަނަ ދުވަހުއެވެ. އެ ފައިސާ ދެއްކުމަށް ކޯޓުން އަންގާފައިވަނީ ހުކުމް ކުރިތާ ހަ މަސްދުވަސް ތެރޭގައެވެ. އެހެން ކަމުން ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު މެއިމަހުގެ 28 ވަނަ ދުވަހަށްވަނީ ހަމަވެފައެވެ.