ޚަބަރު

މާލެ ސަރަހައްދުގައި މާދަމާ ހުކުރު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދުކުރުން ހުއްޓާލިތާ ތިން މަސް ފަހުން މާދަމާ އިން ފެށިގެން ހުކުރު ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ދެންމެ ނިންމައިފި އެވެ.

Ads by MWSC

ކޮވިޑާ ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދު ކަނޑާލީ، މާރިޗު މަހުގެ 18 ވަނަ ދުވަހުގެ ޢަޞުރު ނަމާދު ވަގުތުން ފެށިގެންނެވެ.

މާލެގައި އިއުލާންކޮށްފައިވާ ފުރަބަންދަށް ދިން ލުއިތަކާއިއެކު ޖަމާއަތް ނުހަދާ ނަމާދުކުރަން ޖޫން 15 ވަނަދުވަހުން ފެށިގެން ހުއްދަދިނުމަށްފަހު އަލުން ޖަމާއަތުގައި ނަމާދުކުރަން ފެށި މިމަހުގެ 1 ވަނަދުވަހުއެވެ. އެހެންނަމަވެސް މިދިޔަ ހުކުރުގައި ޖަމާއަތުގައި ނަމާދުކޮށްފައެއް ނުވެއެވެ.

މާދަމާގެ ހުކުރު ނަމާދަށް ދާ ފަރާތްތަކުންވެސް އިސްލާމިކް މިނިސްޓްރީން މިހާރު އާއްމުކޮށްފައިވާ އުސޫލްތަކަށް އަމަލުކުރުމަށް އެ މިނިސްޓްރީން އެދުވަޑައިގަންނަވައެވެ. މިގޮތުން ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި ވަކި މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން ހިމެނެއެވެ. މީގެއިތުރުން ނަމާދަށް ދާއިރާ މިސްކިތުގައި ނަމާދުގައި ތިބޭއިރު މާސްކު އަޅައިގެން ތިބުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުމާއި ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!