ޕީޖީ އޮފީހުގެ އިދާރީ މުވައްޒަފެއް ކޮވިޑަށް ފައްސިވެއްޖެ
ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ އިދާރީ މުވައްޒަފެއް ކޮވިޑް 19 އަށް ފައްސިވެއްޖެ އެވެ.
ޕީޖީ އޮފީހުގެ މުވައްޒަފަކު ފައްސިވިކަން އެނގުނީ ރޭ ކަމަށް އެ އޮފީހުން ހާމަކުރެއެވެ. މިއާއެކު އެ އޮފީސް ޑިސްއިންފެކްޓް ކުރަން ޖެހުމުން މިއަދު ބާއްވަން އޮތް ޝަރީއަތުގެ މަޖިލީހެއްވަނީ ކެންސަލް ކުރަން ޖެހިފައެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކެންސަލްކުރަން ޖެހުނީ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވާ ގަޑިއަށް ޕީޖީ އޮފީހުގެ ވަކީލުންނަށް އެއޮފީހަށް ދެވޭ ގޮތް ނުވުމުންނެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއާ ގުޅޭ ޝަރީއަތުގެ އަޑުއެހުން ބާއްވަން ހަމަ ޖައްސާފައި އޮތީ އޮންލައިންކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވިދާޅުވީ އެ މައްސަލައިގައި ގިނަ އަދަދަކަށް ލިޔެކިޔުންތައް ހުރުމުން މައްސަލައިގެ އަޑުއެހުމުގައި ޕީޖީ އޮފީހުގެ ވަކީލުންނަށް ގޭގައި ތިބެގެން ބައިވެރިވާން އުނދަގޫ ކަމަށް އެ އޮފީހުން އަންގާފައިވާ ކަމަށެވެ. އަދި އެ އޮފީސް އެގަޑީގައި ޑިސްއިންފެކްޓްކުރާތީ އޮފީހަށް ދެވެން ނެތިގެން މައްސަލައިގެ އަޑުއެހުން 3.00 ގައި ބާއްވަން އެދުނު ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
ޕީޖީ އޮފީހުން އެދުނު ގޮތައް ގަޑި ބަދަލުކޮށްނުދެވުނީ އެގަޑީގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާ ދެވެން ނެތުމުން ކަމަށްވެސް ކްރިމިނަލް ކޯޓުން ބުނެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން އެ އޮފީހުގެ މުވައްޒަފުން ނިކުންނަނީ ވަކި ވަކިން ބަހާލައިގެން ކަމަށެވެ. އަދި އެ އޮފީހުގެ ވަކީލުން ގޭގައި ތިއްބަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަކުގައި ބައިވެރިވަމުންގެންދަވައެވެ.