ޚަބަރު

ކުށްމަދުކުރުމަށް ރ. އަތޮޅުގެ ދެ ރަށެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުށް މަދު ކުރުމަށް ރ. އަތޮޅުގެ ދެ ރަށެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. 

Ads by MWSC

ފުލުހުން ބުނީ މި ހަރަކާތަކީ ރ. އަތޮޅުގެ ރަށްތަކަކީ ކުށް މަދު އަމާން މާހައުލެއް ގާއިމްވެފައިވާ ރަށްތަކަކަށް ހެދުމަށާއި ރ. އަތޮޅުގައި ފުލުހުން ހިދުމަތް ގާއިމްވެފައި ނެތް ރަށްރަށުގައި ފުލުހުން ދައުރު ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.

އެގޮތުން ރ. މާކުރަތުގައާއި ފައިނުގައި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

މިދިޔަ މަހުގެ 21 ން 25 އަށް އެދެރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ވަނީ އެދެރަށުގައި އެކިވަގުތުތަކުގައި ޕެޓްރޯލްކޮށް ކުށުވެ ވެށީގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްފައެވެ.އަދި އެދެރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތުގެ އިތުރުން އެ ދެރަށުގައި ވިޔަފާރިކުރާ ތަންތަނުގެ މައުލޫމާތު ހޯދައި، އެ ދެރަށުގައި ދިރިއުޅެމުންދާ ބިދޭސީންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކޮށްފައި ވެއެވެ.

މީގެ އިތުރުން މި ހަރަކާތްތަކުގެ ތެރެއިން ރަށުގެ އާންމު ރައްޔިތުންނާ ބައްދަލުކޮށް ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މުހިއްމު މައުލޫމާތު ފޯރުކޮށްދީފައިވާއިރު، ކުށްމަދުުކުރުމަށް ރައްޔިތުންނާއި ފުލުހުންނާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.

އެދެރަށުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން މާކުރަތު ސްކޫލުގެ ޓީޗަރުންނަށް ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމައްސަލަ ތަކުގަައި އަމަލުކުރަންވީ ގޮތްތަކާއި، ގެވެށި އަނިޔާ އާއި ބެހޭ ގޮތުން މަޢުލޫމާތު ދީފައެވެ.

މީގެ އިތުރުން މާކުރަތުގައި ހުރި މުއައްސަސާތަކާ ބައްދަލުކޮށް ޓްރެފިކް ޤާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅޭގޮތުން މައުލޫމާތު ދީ، ފުލުހުންނާއި މުއައްސަސާތަކާ ގުޅިގެން ކުށް މަދު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!