މޫނުގައި ބިހިނެގުން ހުއްޓުވަން ބޭނުންތަ؟ މިކަންކަމަށް ސަމާލުވޭ!
މޫނުމަތީގައި އޮށާޅަ ނެގުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ޚާއްސަކޮށް ޒުވާން އުމުރުފުރައިގައެވެ. އޮށާޅަ ނެގުމުގެ ސަބަބުން މޫނުމަތީގައި ބިހި ނެގުމާއި ވައިޓްހެޑްސް އާއި ބްލެކްހެޑްސް ނެގުން ފަދަ ކަންކަން ވެސް ދިމާވެއެވެ.
ހަމުގެބަލިތަކަށް ޚާއްސަ ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ތިން ކަމެއްގެ ސަބަބުން މޫނުމަތީގައި އޮށާޅަ ނަގަން މެދިވެރިވެއެވެ.
އެއީ..
▪︎ މޫނުގެ ހަންގަނޑު މާބޮޑަށް ތެޔޮވުން. އެކަމުގެ ސަބަބުން ހަންގަނޑުގައި ހުންނަ ކުދި ލޯވަޅުތައް ބެދެއެވެ.
▪︎ ހަންގަނޑު މަރުވެފައިހުރުން (ގިނަ ފަހަރަށް މިހެން ވަނީ މާގިނައިން އަވީގައި އުޅުމުގެ ސަބަބުންނެވެ.)
▪︎ ޕްރޮޕަޔޮނިބެކްޓީރިއަމް ކިޔާ ބެކްޓީރިއާއެއް މޫނުމަތީގައި އުފެދުން.
ހަމުގެ ޑޮކްޓަރުން ލަފާދެއްވާފައިވާ ގޮތުގައި، ބައެއް ކަންތައްތަކަށް ސަމާލުކަން ދިނުމުން ވެސް މޫނުމަތީގައި އޮށާޅައާއި ބިހި ނެގުމުން ރައްކާތެރި ކޮށްދެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ:
▪︎ ދުވާލަކު ދެ ފަހަރު މޫނު ދޮވުން.
▪︎ މާގަދަޔަށް މޫނު ނުއުގުޅުން (މާގަޔަށް ސްކްރަބް ނުކުރުން)
▪︎ ބޮލުގެ އިސްތަށިގަނޑު ސާފުތާހިރުކޮށް ބެހެއްޓުން (ބޮލުގެ އިސްތަށިގަނޑުގައި ހުންނަ ތެލުގެ ސަބަބުން މޫނުގެ ހަންގަނޑަށް އަސަރު ކުރާނެއެވެ.)
▪︎ މޫނުމަތީގައި ބިހި ނެގުމުން އެނުފަޅާށެވެ. އަދި ނުކޮށްޓާށެވެ. މިފަދައިން ކަންތައްކޮށްފިނަމަ މޫނު ރަތްވުމުގެ އިތުރުން ލަކުނު ލާނެއެވެ.
▪︎ މާގިނަ ކެމިކަލް ހިމެނޭ ސާމާނު މޫނުގައި ނުހާކާށެވެ. ބޮޑަށް ރަނގަޅުވާނީ ގޭގައި ތައްޔާރު ކޮށްލެވޭ ގުދުރަތީ ސާމާނުން ފޭޝަލްއެއް ފަދަ އެއްޗެއް ހެދުމެވެ.
▪︎ އަވީގައި އުޅޭއިރު ސަންސްކްރީން އެއް އަބަދުވެސް ބޭނުންކުރުމެވެ.
▪︎ ސިއްޙަތައް ފައިދާހުރި ކާނާ ކެއުމާއި ގިނަގިނައިން ފެންބުއިމެވެ.