މާގިރި ހޮޓަލުގެ ކެމެރާތަކުން ފެންނަނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުން، ރޭގަނޑު ފިރިހެން މުވައްޒަފުންގެ ކޮޓަރިއަށް ދާ މަންޒަރު!
ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު މާގިރި ހޮޓަލުގައި ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ގާއިމް ވެގެން ތިބި އިރު އުޅުނު ގޮތުގެ ސީސީޓީވީ ފުޓެޖް "ދިޔަރެސް" ނޫހަށް ލިބިއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ނުދިމުން މިއަދު ވަނީ އޭނާ މަގާމުން ވަކިކޮށްފިއެވެ.
މަގާމުން އިސްތިއުފާ ދެއްވަން އަލީ ވަހީދަށް ރައީސް އެންގެވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް އެ މަނިކުފާނަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާތީއެވެ.
އެނގިފައިވާ ގޮތުގައި އަލީ ވަހީދު ވަނީ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންނަށް އެކި ފަހަރުމަތިން ޖިންސީ ގޯނާ ކޮށްފައެވެ. އޭގެ ތެރެއިން ބައެއްކަންކަން ހިނގާފައި ވަނީ މާގިރި ހޮޓަލުގައި ތިބި އިރުކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.
"ދިޔަސްރެސް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރުގެ ބޭނުމަށް މާގިރި ހޮޓަލުން ނަގާފައިވަނީ އެ ހޮޓަލުގެ 6 އަދި 7 ވަނަ ފްލޯއެވެ. 6 ވަނަ ފްލޯގައި ތިއްބެވީ އެޗްޕީއޭގެ ބައެއް ޑޮކްޓަރުންނާއި، ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ބައެއް ސަރުކާރުން ކުންފުނިތަކުގެ އިސްވެރިންނެވެ.
ޓުއަރިޒަމް މިނިސްޓްރީގެ އޮފިޝަލުން ތިއްބެވީ 7 ވަނަ ފްލޯގައެވެ. ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ހުންނެވީ މި ފްލޯގައެވެ. ރޯދަމަހުގެ މެދުތެރެއިން ފަށައިގެން މި ބޭފުޅުން ދިރިއުޅުއްވަމުން ގެންދިޔައީ މި ހޮޓަލުގައެވެ.
އެ ފްލޯގެ ސީސީޓީވީ ފުޓެޖްގެ މައްޗަށް ބިނާކޮށް "ދިޔަރެސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކެމެރާ އިން ފެންނަ މަންޒަރުތަކުން ވަރަށް ގިނަ ރޭރޭ ދަންވަންދެން މަޖާ ކުރުމުގައި މިނިސްޓްރީގެ މުވައްޒަފުން އުޅުނު މަންޒަރު ފެނެއެވެ. މިގޮތުން ބައެއް އަންހެން މުވައްޒަފުން، ރޭގަނޑުވުމުން ފިރިހެން މުވައްޒަފެއްގެ ކޮޓަރިއަށް ބަދަލުވެ، ހެނދުނު އަލުން އަމިއްލަ ކޮޓަރިއަށް އަންނަތަންވެސް ފެނެއެވެ.
މީގެ އިތުރުން މިނިސްޓްރީގެ އެގްޒެކިޓިވް ޑިރެކްޓަރު އަލީ ހާޝިމް(ސްމިތު)، މިނިސްޓްރީގެ މުވައްޒަފުންގެ ގޮތުގައި ނުހިމެނޭ އިތުރު އަންހެނުންތަކެއް ތަފާތު އެކި ފަހަރު މަތިން 7 ވަނަ ފްލޯއަށް ގެންގޮސް އޭނާގެ ކޮޓަރިއަށް ވައްދާ މަންޒަރު ފެނެއެވެ. އަލީ ހާޝިމް މާގިރި ހޮޓަލަށް އެމީހުން ގެންދަނީ ވިސްޓާ ބީޗް ގެސްޓް ހައުސް ނަަމަކަށް ކިޔާ ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސް އެއްގެ ވޭނަކުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވޭނު ވަނީ ޓުއަރިޒަމް މިނިސްޓްރީގެ ބޭނުމަށް ނަގާފައެވެ. ކަޅު ކުލައިގެ މިވޭނުން އަލީ ހާޝިމް މާގިރި ހޮޓަލަށް އަންހެން ކުދިން ގެންނަތަން އެ ހޮޓަލުގެ ކެމެރާތަކަށް އަރާފައި އެބަހުއްޓެވެ.
ދެން ފެންނަ އިތުރު މަންޒަރުތަކަށް ބަލާއިރު. އެ ފްލޯގެ ކޮރިޑޯތަކުގެ ތެެރޭގައި ބައެއް ފިރިހެން މުވައްޒަފުން ހުސް ގަޔާ ދެކޮޅަށް ދުވާތަންފެނެއެވެ. އަދި އަންހެން ބައެއް މުވައްޒަފުން ބާތުރޯބުގަ ދެކޮޅަށް ދުވާ މަންޒަރުވެސް ފެނެއެވެ. އަދި އެއް ރެއަކު ޕާޓީއެއް ބާއްވާ އެކަމުގެ ތައްޔާރީތަކުގައި އުޅުނު މަންޒަރުވެސް ފެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އެގްޒެކިޓިވް ޑިރެކްޓަރު ތައްޔިބު ޝަހީމްގެ އުފަންދުވަހު މުނާސަބަތުގައި ބޭއްވި ޕާޓީއެެކެވެ.