ފުލުހަކު އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި
ރޭޕްކުރި ދެ އަހަރުގެ އަންހެން ކުއްޖާގެ ބައްޕަ ހައްޔަރު ކުރަން ގޮވާލާ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި މުޒާހަރާ ކުރި ސަރަހައްދުގައި ހުރި އަންހެނަކަށް ފުލުހަކު އަނިޔާކުރި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ބުނެފިއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއާއި ވީޑިއޯތަކުން ފެނިގެންދަނީ، އަންހެން މީހާއަށް ފުލުހުން އަނިޔާ ކުރުމުން އޭނާގެ އަނގަމަތި ފަޅައިގެން ގޮސް ވަރަށް ގިނަ އަދަދެއްގެ ލޭ ފައިބަމުންދާ މަންޒަރެވެ.
މިކަމާއި ގުޅިގެން އަނިޔާ ލިބުނު އަންހެން މީހާގެ ދަރިފުޅު ކުރި ފޭސްބުކް ޕޯސްޓެއްގައު ބުނެފައިވަނީ، އޭނާގެ މަންމަ ހުރީ އިއްޔެ ހުޅުމާލޭގައި ހިނގާދިޔަ ކަންކަމުގެ މަންޒަރު ބަލާލުމަށް ގޭގެ ދޮރުމަތީގައި ކަމަށެވެ. އަދި ގެ ދޮރުމަތީގައި ހުއްޓާ ފުލުހުންގެ މީހަކު ހުރިހާ އެންމެން ގެއަށް ވަދޭ މިހެން ބުނަމުން އައި ކަމަށާއި އެވަގުތު އޭނާގެ މަންމަ ދޮރުމަތީގައި ހުރުމުން އޭނާގެ މަންމަގެ މޫނުގައި ފުލުސް މީހާ ޖެހި ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ 108 ވަނަ ފްލެޓް ކައިރީ ހިނގައި ދިޔަ ހަމަނުޖެހުމުގައި މެދު އުމުރުގެ އަންހެނެއްގެ ގައިގައި ފުލުހަކު ޖެހިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އަނިޔާވި އަންހެން މީހާގެ އާއިލާ މެމްބަރަކާ އިއްޔެ ވާހަކަ ދެއްކެވި ކަމަށާއި އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްގެ ޓީމެއް އަނިޔާވި އަންހެން މީހާއާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އަންހެން މީހާގެ ދަރިފުޅު ބުނެފައިވާ ގޮތުގައި އޭނާގެ މަންމައަކީ ކުށްވެރިއެއް ނޫން ކަމަށާއި އަދި މީހުން ރޭޕް ކުރާ މީހެއްވެސް ނޫން ކަމަށެވެ. އެހެންނަމަވެސް އެފަދަ ނުބައި ނުލަފާ އަމަލުކޮށްފައިވާ މީހަކު ފުލުހުން ހައްޔަރު ކޮށްގެން ދިޔައީ ފުލުހުންގެ ވެސްޓު އެޅުވުމަށްފަހު އަދި ހެލްމެޓެއްވެސް ބޮލުގައި އެޅުވުމަށްފަހު ކަމަށެވެ. ނަމަވެސް އާއްމު ރައްޔިތު މީހާއާ މެދު ފުލުހުން ކަންކުރީ އެހެން ނޫން ކަމަށް ބުނެ ފުލުހުންގެ އެ އަމަލު އޭނާ ވަނީ ކުށްވެރިކޮށް ފާޑު ކިޔާފައެވެ.