6 ހަފްތާއިން ކޮވިޑް ޖެހުނު މީހުން ދެގުނަ އިތުރުވެއްޖެ، ބިރުވެރިކަން އިތުރުވަނީ : ޑަބްލިޔުއެޗްއޯ
ކޮވިޑް19 ބަލިމަޑުކަން އަދިވެސް ޕީކަށް ނުދާ ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފިއެވެ. އަދި ބަލިމަޑުކަން އިތުރަށް ގޯސްވެ، ނުރައްކާ ބޮޑުވަމުން އަންނަ ކަމުގެ އިންޒާރުވެސް އެ އިދާރާއިން ވަނީ ދީފައެވެ.
އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ވިދާޅުވީ ލޮކްޑައުން އަށް ލުއިދީ، ބޯޑަރުތައް ހުޅުވާލުމާއެކު ވައިރަހުގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަ ކަމަށެވެ. އަދި ދުނިޔޭގެ ގިނަ ހިސާބުތަކުގައި ވައިރަސް އަދިވެސް ކޮންޓްރޯލް ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި ފާއިތުވި ހަ ހަފްތާގެ ތެރޭގައި މުޅި ދުނިޔެއިން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ ދެ ގުނަ އިތުރުވެފައެވެ.
2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ވައިރަސް ފެނުނު ފަހުން މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ މީހުނަށް ވަނީ މި ބަލި ޖެހިފައެވެ. އަދި ޖުމްލަ 550,000 މީހުން ވަނީ މަރުވެފައެވެ. މިހާރު އެންމެ ގަދައަށް ވައިރަސް ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ބްރެޒިލް އާއި އިންޑިއާ ހިމެނެއެވެ.