ޖިންސީ ފުރައްސާރަ ކުރިޔަސް އޯކޭ ކަމަށް ބުނި މީހާ އަށް މީރާގެ ރައްދު "ފަކުރުން ގޮސް ހަލާކުވެއްޖެ"
ޖިންސީ ފުރައްސާރައާއި ހަމަލާތަކުގެ ވާހަކައަކީ މިހާރު ދިވެހިންގެ ތެރޭގައި އަދި މީސް މީޑިއާ ގައި ވެސް އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކައެވެ.
ޖިންސީ ފުރައްސާރަ އާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން އަންނަ އިރު ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހެނީ ހެދުން އަޅާ ގޮތަކުން ކަމަށް ބުނާ ބަޔަކު ވެސް އަހަރެމެން ގެ ތެރޭގައި މަދުން ނަމަ ވެސް އެބައުޅެއެވެ. އެމީހުން ދެކޭ ގޮތުގައި އަންހެނުން ހެދުން އަޅާ ގޮތަކީ އެމީހުނަށް ފުރައްސާރަކޮށް ޖިންސީ ގޯނާ ކުރުމަށް ލިބޭ 'ޓިކެޓެކެވެ'.
މިފަދަ މީހެއްގެ ފުރައްސާރައާ ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުވެސް ވަނީ ދާދި ފަހުން ކުރިމަތިލާން ޖެހިފައެވެ.
ޔޫތް އޮފް އައްޑޫ ނަމަކަށް ކިޔާ ގްރޫޕެއްގައި މީހަކު މީރާގެ ފޮޓޯއެއް ހިއްސާކުރަމުން ބުނެފައިވަނީ މިފަދަ ގޮތްގޮތަށް ހެދުން އަޅާ މީހުނަށް ޖިންސީ ފުރައްސާރަ ކުރުމުން ގޯސްވާނީ ކުރާ މީހާ ކަމަށާއި ނަމަވެސް އެމީހުން އަންނަނީ ގެއިން ފުރައްސާރަ ހިފައިގެން ކަމަށެވެ.
ގިނަ ބައެއްގެ ނުރުހުން މީނާއަށް އަމާޒުވިއިރު މީރާ ބުނެފައިވަނީ މިކަހަލަ މީހުން ފެނުމުން ފަކުރުން ގޮސް ހަލާކުވާ ކަމަށެވެ.
ރޭޕް ނުވަތަ ޖިންސީ ގޯނާ އަކީ މީހަކު އަޅާ ހެދުމެއްގެ ސަބަބުން ހުއްދަވާ އެއްޗެއް ނޫނެވެ. މިހެން ބުނޭ އުޅޭ މީހުނަށް އެންމެ ގިނަ މީހުން މިހާރު ދެމުން އަންނަ ރައްދަކީ ދެން ގޭގައި ތިބޭ ތުއްތު ކުދިންނަށް މިފަދަ ފުރައްސާރަތައް ކުރިމަތިވަނީ ކީއްވެހެއްޔޭއެވެ. އެއީ ވެސް ހަމަ ހެދުން އަޅައިގެން ހުރި ގޮތުން ކުރިމަތިވާ ކަމެއްތޯއެވެ.