ކުޅިވަރު

އެފްއޭ ކަޕްގެ ތައްޓަށްވުރެ ލީގުގެ ދެވަނަ މާ މުހިންމު: ގާޑިއޯލާ

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސި އެފްއޭ ކަޕަށްވުރެ ޕްރިމިއަރ ލީގުގެ ދެވަނަ ހޯދުން މާ މުހިންމުކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

Ads by Hajj Corporation

މިދިޔަ ދެ ސީޒަންގެ ޕްރިމިއަރ ލީގުގެ ޗެމްޕިއަން ، ސިޓީއަށް ތިންވަނަ ފަހަރަށް ތަށި ހޯދުމުގެ ފުރުސަތުވަނީ ގެއްލިފައެވެ. ބޮޑު ތަފާތަކުން ލިވަޕޫލުން ތަށި ޔަގީންކުރިއިރު، ސިޓީއަށް މި ސީޒަންގައި މާބޮޑު ޖާދުލެއް ލީގުގައި ނުދެއްކުނެވެ. މިހާތަނަށް އެޓީމް މި ސީޒަންގައި އެކަނިވެސް ލީގުގެ ނުވަ މެޗުން ބަލިވެފައިވާއިރު، އެއް ފެންވަރެއްގައި ހުރިހާ މެޗެއްގައި ނުކުޅެވޭތީ ގާޑިއޯލާ ހުރީ ކަންބޮޑުވެފައެވެ.

ސީޒަންގެ ކުރިއަށް ހުރި އަމާޒުތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ފުރަތަމަ ބޭނުންވަނީ ޕްރިމިއަރ ލީގުގެ ދެވަނަ ހޯދަންކަމަށާއި، ބާކީ ހުރި މުބާރާތްތަކާއި މެދު ވިސްނާނީ އޭގެ ފަހުންކަމަށެވެ. ސިޓީއަށް މި ސީޒަންގައި އިނިގިރޭސި އެފްއޭ ކަޕާއި، ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އަދި އެބައޮތެވެ.

އެފްއޭ ކަޕް ދިފާއުކުރުމާއި ގުޅޭގޮތުން ސުވާލުކުރުމުން ގާޑިއޯލާ ބުނީ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށްވުރެ ލީގުގެ ދެވަނަ ހޯދުން މާ މުހިންމުކަމަށެވެ. ގާޑިއޯލާ ބުނީ ޕްރިމިއަރ ލީގުގެ ހުރިހާ ބޮޑެތި ޓީމްތަކެއް މިހާރު ވާދަކުރަނީ ޗެމްޕިއަންސް ލީގުގެ ޖާގަތަކަށް ކަމަށާއި އެއީ ސިޓީގެ ވެސް ފުރަތަމަ ޕްރިއޯރިޓީކަމަށެވެ.

އެހެން މުބާރާތްތައް ކާމިޔާބުކުރުމާއިމެދު ވިސްނާނީ އޭގެ ފަހުންކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ސިޓީ ނިކުންނާނީ އާސެނަލްއާއި ދެކޮޅަށެވެ. ގާޑިއޯލާ ބުނީ މި މެޗަށް ވަކިން ޚާއްސަ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗު ވެސް މެންޗެސްޓަރ ސިޓީއަށް އެބައޮތެވެ. ޔޫރަޕްގެ އެންމެ ކާމިޔާބު ކުލަބުކަމަށްވާ ރެއާލް މެޑްރިޑާއި ދެކޮޅަށް ނިކުންނައިރު ގާޑިއޯލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފޯވާޑް ސާޖިއޯ އަގުއޭރޯއަށް ނުކުޅެވުމެވެ. ނަމަވެސް މިހާރު ސްކޮޑުގައި ތިބި ކުޅުންތެރިންގެ ފޯމާއިމެދު ހިތްހަމަޖެހޭކަން ގާޑިއޯލާވަނީ ފާހަގަކޮށްފައެވެ.

2016ގައި މެންޗެސްޓަރ ސިޓީއާއި ހަވާލުވިފަހުން އޭނާވަނީ އެކުލަބަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެތައް މިލިއަން ޕައުންޑެއް ކުޅުންތެރިން ގަތުމަށް ހޭދަކުރިއިރު، އަށް ތަށި މިހާތަނަށް އޭނާވަނީ އެކުލަބާއިއެކު ހޯދާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!