ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާނަމަ ލޮކްޑައުންއަކަށް ދާން ޖެހިދާނެ: ޓެގް
ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާ ނަމަ މާލެ ައަނެއްކާ ވެސް ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕްގެ ލީޑަރު ޑރ. އަލީ ލަތީފު ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ލޮކްޑައުންއަށް ލުއިދިންއިރު ބެލި މިންގަނޑުތަކެއް ހުންނާނެ ކަމަށާއި އަލުން ލޮކްޑައުންއަކަށް ދާނީ ވެސް އެ މިންގަނޑުތަކަށް ބެލުމަށްފަހު ކަމަށެވެ.
"އޭގެ ތެރޭގައި ފުރަތަމަ މިންގަނޑަކީ ފްލޫ ކްލިނިކުން ޕޮޒިޓިވްވާ އަދަދު. ދެވަނަ މިންގަނޑަކީ ނިޔާވާ މީހުންގެ އަދަދު. ތިންވަނަ މިންގަނޑަކީ ޑަބްލިން ޓައިމް [އެއް ދުވަހުން އަނެއް ދުވަހަށް ކޭސްތައް އިތުރުވާ މިންވަރު]. އޭގެ އިތުރުން އިންޑިޕެންޑެންޓް ކޭސްތައް [އެއްވެސް ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް]، ދެން ހޮސްޕިޓަލުގެ ކިތައް އެނދުތޯ [އެޑްމިޓްކުރަން] ބޭނުންކުރަމުންދަނީ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.
"މިސާލަކަށް ދަންނަވާނަމަ ހޮސްޕިޓަލުގެ އެނދުތައް ފުދޭވަރަކަށް މީހުން ގިނަވެގެން އެޑްމިޓްކޮށްގެން ގާތްގަނޑަކަށް 80 ޕަސެންޓާ ހިސާބަށް ގޮސްފިނަމަ އޭގެ މާނައަކީ މާލެ ތެރޭގައި ބަލި ވަރަށް ބޮޑަށް ފެތުރިގެން ލޮކްޑައުންއާ ހިސާބަށް ދާން ޖެހިދާނޭ،"
އޭނާ ވިދާޅުވީ ހާލަތު ބަލާ މިންގަނޑުތަކުގައި ފިޔަވަޅުތައް ބަދަލުކުރާނެ ސްޓޭޖްތަކެއް ހުންނަ ކަމަށާއި އެއީ ތިން ސްޓޭޖެއް ކަމަށެވެ. ބަލަމުން އަންނަ ބައެއް ކަންތައްތައް އަދި ހުރީ ސްޓޭޖް އެކަކަށް ވުރެ ވެސް ދަށުގައި ކަމަށާއި އެކަމަކު ބައެއް ކަންތައްތައް ގޯސްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.