ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ގިބަ ބަޔަކު އަދިވެސް ތިބީ ސަރުކާރު ވަޒީފާތަކުގައި، އިންސާފު ލިބޭނެ ކަމާމެދު ޝައްކު: ޖަމީލް
ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ގިބަ ބަޔަކު އަދިވެސް ތިބީ ސަރުކާރު ވަޒީފާތަކުގައި ކަމަށާއި އެހެންކަމުން އެފަދަ މީހުންގެ ޝިކާރައަކަށްވި މީހުންނަށް އިންސާފު ލިބޭނެ ކަމާމެދު ޝައްކު ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅު ވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ޖިންސީ ގޯނާގެ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންންނަށް ސަލާމަތް ނުވެވޭނެކަން އެނގެން ޖެހޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވުމާއި ގުޅިގެންނެވެ.
އެގޮތުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ވާހަކަ ގިނަ ނުކުރައްވާ އަމަލުން އެކަން ސާބިތުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. ހުޅުމާލެ ފަޅުތެރޭ އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ކަންވެފައިވާ ގޮތުން ޝަމީމްގެ ވާހަކަތައް ގަބޫލުކުރަން ދަތި ކަމަށް ޖަމީލް ވިދާޅުވިއެވެ.
"މިފަދަ ކުށްތަކުގެ [ޖިންސީ ކުށުގެ މައްސަލަ] ތުހުމަތު ކުރެވޭ އެތައް ބަޔަކު އަދިވެސް ތިބީ ސަރުކާރުގެ ވަޒީފާގައި. އިންސާފު ލިބޭނެ ކަމާމެދު ޝައްކު،" ޖަމީލް ވިދާޅުވިއެވެ.
ޕީޖީ ޝަމީމް އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާގިނަ ވާހަކަ ނުދައްކަވާނެ ކަމަށާ އިހުލާސްތެރިކާމާއި އަމާނާތްތެރި ކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޝަމީމް މިހެން ވިދާޅުވީ އުމުރުން 11 އަހަރުގެ ކުޑަކުއްޖަކު ގްރޫމްކޮށްގެން ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީގެ މައްޗަށް މިއަދު ވަނީ ދައުވާ އުފުލައިފައެވެ.