ފުލުހުން އަލީ ވަހީދުގެ ފޯނު ހިފަހައްޓައިފި
ވަހީދުގެ މޮބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފި އެވެ.
މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއްގައި ފުލުހުން ރޭ ވަނީ އަލީ ވަހީދު ދިރިއުޅުއްވާ ގެއެއް ބަލައި ފާސްކޮށް އެ މައްސަލައިގައި ހެކި ހޯދައިފަ އެވެ.
އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން ބުނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައިގައި ހެކި ހޯދުމުގެ ގޮތުން އޭނާއަށް ނިސްބަތްވާ އިލެކްޓްރޯނިކް ބައެއް ތަކެތި ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހެކި ހޯދުމުގެ އިތުރު މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭތީ، ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން އެކަން ނުކުރެއްވުމުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަގާމުން ވަކިކުރައްވާފައެވެ.