ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ދިނުމަކީ އުންމީދެއް: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގައި ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް ރާއްޖޭގެ އަމިއްލަ އިމްތިހާނު ދިނުމަކީ އުއްމީދެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ދަރިވަރުންނަށް އަދި ގައުމަކަށް އެންމެ ރަނގަޅުވާނެ ގޮތަކީ އެބަޔެއްގެ އަމިއްލަ އިމްތިހާނެއް އޮތުން ކަމަށެވެ.
"އޭރުން ގައިމު ވެސް ދަރިވަރުން ކިޔަވާ އެއްޗެހި ބޮޑަށް ކޮންޓެކްސްޓުއަލީ ރިލަވެންޓުވެ ދަރިވަރުންނަށް ފައިދާ ވާނީ. އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ އެގްޒެމިނޭޝަން ސިސްޓަމް ލޯކަލް އެގްޒެމިނޭޝަން ސިސްޓަމަކަށް ހެދުން . ނަމަވެސް އެގޮތަށް ކަންކުރާކަށް ނިންމާފައެއް ނެތް. ދުރު މުސްތަގުބަލުގައި ހިޔާލުތަކެއް ވިސްނުންތަކެއް އެބަހުރި" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ އައިޝަތު އަލީ އިތުރަށް ވިދާޅުވީ އަދި އޮތީ ކޭމްބްރިޖް އާއި އެޑެކްސެލް އާއެކު ކުރިއަށް ދާ ގޮތަށް ކަމަށެވެ.
ޒަމާނުއްސުރެ ރާއްޖޭގައި ހަދަމުން އަންނަނީ އޯލެވެލްގައި ކޭމްބްރިޑްޖް އިމްތިހާނެވެ. އަދި އޭ ލެވެލްގައި ހަދަނީ އެޑެކްސެން އިމްތިހާނެވެ. ނަމަވެސް މި ވިސްނުން ބަދަލު ކުރުމުގެ ވާހަކަތަކެއް ދެކެވެމުން އާދެއެވެ.