ޚަބަރު

ފުލުހުންގެ ބިލުގައި 241 ކޮމިޓީއަށް ބާރުދޭ މާއްދާތައް އުނިކުރަން އިދިކޮޅުން ހުށަހަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ފުލުހުންގެ ބިލުގައި 241 ކޮމިޓީއަށް ބާރުދޭ މާއްދާތައް އުނިކުރަން އިދިކޮޅުން ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލުގައި ބަޔާންކޮށްފައިވާ ފުލުހުންގެ ހުވާގައި އިސްލާމް ދީނުގެ ވާހަކައިގެ ކުރިއަށް އިންސާނީ ހައްގުތަކުގެ ވާހަކަ އިސްކޮށްފައިވެ އެވެ. ބިލުގައި 241 ކޮމިޓީއަށް ބޮޑެތި ބާރުތަކެއް ދީފައިވާތީ ފުލުހުންގެ ބިލަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވެ އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ފުލުހުންގެ ހިދުމަތުގެ ބިލުގެ ބައެއް މާއްދާތަކަށް އިސްލާހު ހުށަހެޅުމުގެ އިތުރުން ފުލުހުންގެ ހުވާގެ އިބާރާތަށް ވެސް ބަދަލުގެންނަން ހުށަހަޅައިފަައެވެ.

އެގޮތުން ފުލުހުންގެ ހިދުމަތް ހިނގާނުހިނގާ ގޮތް ބެލުމަށްޓަކައި، 241 ކޮމިޓީއަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރާ، ކޮމިޝަނަރާ ސުވާލުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އާއި ކޮމިޓީގެ އެންގުންތަކާ ގުޅިގެން އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރަން ލަފާދެވިދާނެ ކަމަށް ބުނާ މާއްދާ އުނިކުރަން ވަނީ ހުށަހަޅާފައެވެ.

އެ މާއްދާތައް އުނިކުރަން ހުށަހަޅާ ސަބަބެއް ކަމުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 239 ވަނަ މާއްދާއިން، ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެ ކަމަށް ބުނެފައިވާތީ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

މީގެ އިތުރުން ޕޮލިސިން ބޯޑުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި މިނިސްޓަރު ކަނޑައަޅާ މެމްބަރެއްގެ އިތުރުން 241 ކޮމެޓީން އައްޔަންކުރާ މެމްބަރަކު އިންނަ ގޮތަށް ބިލުގައި އޮތްއޮތުން ބަދަލުކޮށް، ކަސްޓަމްސް އާއި އިމިގްރޭޝަނާއި އެމްއެންޑީއެފްގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ފަރާތުން ކަނޑައަޅާ މެމްބަރުން ބޯޑުގައި ހިމެނުމަށް ވެސް އިދިކޮޅުން ވަނީ އިސްލާހު ހުށަހަޅައިފައެވެ.

ހަމައެއާއެކު ކޮމިޝަނަރާއި މިނިސްޓަރުގެ ޒިންމާތައް ބަޔާންކުރާ މާއްދާއަށް އަކުރުތަކެއް އިތުރުކުރުމަށް ވެސް އިދިކޮޅުން ވަނީ ހުށަހަޅައިފައެވެ.

އެގޮތުން މިނިސްޓަރުގެ ޒިންމާތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުން ލިޔުމުން މިނިސްޓަރަށް އަންގާ ކަންކަމާ ގުޅިގެން، އިސްލާހުކުރަންޖެހޭ ކަންކަން ބަލައި، އެކަންކަމާ ގުޅޭގޮތުން މިނިސްޓަރު ފިޔަވަޅުއަޅަން ވާނެ ކަމަށާއި، އިސްލާހުކުރަން އަންގާ ކަންކަން އިސްލާހުކުރެވެން ނެތް ނަމަ، އެކަން ލިޔުމުން މަޖިލީހަށް އެންގުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތު ކަމަށް ވަނީ ހިމަނައިފިއެވެ.

ކޮމިޝަނަރުގެ ޒިންމާތައް ބަޔާންކުރާ މާއްދާއަށް ހަތަރު އަކުރެއް އިތުުރުކުރަން އިސްލާހުގައި ވެއެވެ. އެގޮތުން ރައްޔިތުންނާއި މުޖުތަމައުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން އަމަލުކުރަމުންދާ މައިގަނޑު ސިޔާސަތަކަށް ގެންނަންޖެހޭ ބަދަލުތައް 241 ކޮމެޓީއާ ހިއްސާކުރުމަށާއި ފުލުހުންގެ އޮޕަރޭޝަންތަކާ ހަރަކާތްތަކާ ބެހޭ މައުލޫމާތުގެ ތެރެއިން ހިނގަމުންދާ ތަހުގީގަކަށް ނުވަތަ އޮޕަރޭޝަނަކަށް ހުރަސް ނޭޅޭނެ މައުލޫމާތު 241 ކޮމެޓީން އެދިއްޖެ ހާލަތެއްގައި ހިއްސާކުރުން އިތުރުކޮށްފައިވެއެވެ.

އަދި ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ އިތުބާރު އާލާކުރުމަށްޓަކައި އަޅާ ފިޔަވަޅުތައް، 241 ކޮމެޓީން އެދިއްޖެނަމަ ހިއްސާކުރުމަށާއި، ފުލުހުން ގެންގުޅޭ ހަތިޔާރާއި އާލާތްތަކާއިި ވަސީލަތްތަކާއި ގުޅޭ މައުލޫމާތުވެސް 241 ކޮމެޓީން އެދިއްޖެނަމަ ހިއްސާކުރުން ހިމަނާފައިވެއެވެ.

މީގެ އިތުރުން އިދިކޮޅުން ވަނީ ފުލުހުންގެ ހުވައިގެ އިބާރާތަށް ވެސް ބަދަލުގެންނަން ހުށަހަޅައިފައެވެ. އިދިކޮޅުން ހުށަހެޅި އިސްލާހުގައި، ފުލުހުންގެ ހުވައިގެ އިބާރާތް ކުރިން އޮތްގޮތާ ދާދިއެއްގޮތަށް ބަދަލުކުރަން ވަނީ ހުށަހަޅައިފައެވެ.

ފުލުހުންގެ ބިލުގައި 241 ކޮމިޓީއަށް ބާރުތަކެއް ލިބިދޭ ގޮތަށް އޮތުމުން ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް، އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބިލުގެ އެ މާއްދާ ހިމެނޭ ގޮތަށް އިސްލާހުތަކެއް ހުށަހަޅައިފަ އެވެ. އެ ގޮތުން ފުލުހުންގެ ތަހުގީގަށް ހުރަސްއެޅޭ އެއްވެސް މައުލޫމާތެއް ކޮމިޓީއަށް ނުހޯދޭނެ ކަމަށް ބަޔާން ކުރާ ގޮތަށް އިސްލާހު ފޮނުވާފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!