ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް
ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ. އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ 35 މެމްބަރުންގެ ވޯޓުންނެވެ.
ހަލީމް ހުށަހެޅުއްވި މައްސަލާގައި ވަނީ ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ މައްސަލަ އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުންނާއި ދައުލަތުން ކުރުމަށް ގޮވާލައިފަ އެވެ.
އަދި ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީން އިތެރެވެފައިވާގޮތް ބަލާ އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރާއި ކަމާ ގުޅޭ އިދާރާތަކަށް ގޮވާލާކަމަށެވެ. މީގެ އިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީން މެދުވެރިކޮށް ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލާ، މީހުންގެ މުދަލައް ގެއްލުންދިނުމަށް ހިތްވަރުލިބޭ ގޮތަށް އަމަލުކުރަމުންދާތީ އެކަންކަން ކުށްވެރިކުރުމުގެ ގޮތުން މައްސަލަ ހުށަހަޅާ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި ދެ މައްސަލައެއް ހުށަހަޅާފައިވެ އެވެ. މިއީ 19 ވަނަ މަޖިލީހުގައި މި ގޮތަށް ދެ މައްސަލައެއް ހުށަހެޅި ދެވަނަ ފަހަރެވެ. ކުއްލި ދެ މައްސަލަ އޮތުމުން ކުރިއަށް ގެންދާނެ ކުއްލި މައްސަލަ ކަނޑައެޅީ ގުރުއަތު ނަގައިގެންނެވެ. އެއީ މަޖިލީހުގެ ގަވާއިދުގައި އެ ކަން ކުރުމަށް އޮންނަ ގޮތެވެ.