ބިދޭސީން ބޭނުންކޮށްގެން މުޒާހަރާ ކުރަނީ ސިޔާސީ މަގްސަދެއް ހާސިލުކުރަން: ފައްޔާޒު
ބިދޭސީން ލައްވާ މުޒާހަރާ ކުރުވުމުގައި ސިޔާސީ ބަޔަކު ވެސް ތިބޭ ކަމުގެ ތުހުމަތު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ކުރައްވައިފި އެވެ.
ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައާ ގުޅިގެން މަޖިލީހަށް ވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ބިދޭސީން ބޭނުންކޮށްގެން މުޒާހަރާ ކުރާކަމީ އެނގޭ ހަގީގަތެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށުމުން، ބިދޭސީންގެ މައްސަލައަކީ ހުދު މިނިސްޓަރުގެ ސަބަބުން އުފެދިގެން އުޅޭ މައްސަލައެއް ކަމަށް ހީވާ ފަހަރުވެސް ދާކަމަށެވެ. ނަމަވެސް ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގައި އޭނާގެ މައްޗަށް ނުފޫޒު ފޯރުވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި ޖެހިލުންވާނެ ކަމެއް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބިދޭސީންނަށް މުސާރަ ދިނުމާއި ގުޅޭ ކަންކަން ވެސް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށްގެން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ކަންބޮޑުވާ ކަމަކީ ސިޔާސީ ބޭނުމަށްޓަކައި ބިދޭސީން ބޭނުންކޮށްގެން ގައުމު ހަލަބޮލި ކުރަން މަސައްކަތް ކުރާތީ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް ދަންނަވާލާނަން، އަޅުގަނޑު މި އިނގިލި ދިއްކުރަނީ އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކަކަށް ނޫން. ސިޔާސީ ބޭނުމަށް ހުރެދާނެ އިދިކޮޅު ފަރާތް ނޫން ނަމަވެސް އެކިއެކި ގޮތްގޮތުން، މީގައި ބައިވެރި ކަންކަން އެބަހުރި. އޭގެތެރެއިން ހަލަބޮލިކަން ރާއްޖެއަށް ގެނައުމަށްޓަކާ މަސައްކަތްތަކެއް ކުރެވޭ ކަމަށް ޝައްކު ކުރެވޭ މި މުޒާހަރާތައް ކުރިއަށް ގެންދިޔުމުގައި" ފައްޔާޒު ވިދާޅުވިއެވެ.
ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަމާއެކު މިހާތަނަށް އެގައުމުގެ 4000 މީހުން އަނބުރާ ފޮނުވާލާފައިވާކަމާއި އޭގެ ތެރޭގައި 3800 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ މީހުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.