ފުލުހުންނާއި ސިފައިންނަކީ ދިވެހިންގެ ފަހުރު، އެ ފަރާތްތައް ހިމާޔަތްކުރަން ޖެހޭ: މުއިއްޒު
ދިވެހި ފުލުހުންނާއި ސިފައިންނަކީ ދިވެހިންގެ ފަހުރު ކަމަށާއި އެ ފަރާތްތަކުގެ ގަދަރާއި އިއްޒަތް ދިފާއުކޮށް ހިމާޔަތްކުރަން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު، އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައި ވަނީ އައިލެންޑް އެކްސްޕާޓް ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންތަކެއް މިއަދު ހުޅުމާލޭގައި މުޒާހަރާކޮށް ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހުންނަށް ހަމަލާދީ ފުލުހުންގެ ބައެއް މުދާތަކަށާއި ވެހިކަލްތަކަކަށް ގެއްލުން ދީފައިވަނިކޮށެވެ.
އެގޮތުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނަކީ ދިވެހިންގެ ފަޚުރު ކަމަށާއި މިހާރަކަށް އައިސް ދިވެހި ފުލުހުންނަށް ޖިސްމާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދެމުންދާ ހަމަލާތައް ކުށްވެރިކުރާ ކަމަށެވެ.
"ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ ގަދަރާއި އިއްޒަތް ދިފާއުކޮށް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ،" މުއިއްޒު ވިދާޅުވިއެވެ.
Dhivehi Sifainnaa Dhivehi Fuluhunnakee Dhivehinge fakhuru. Mihaarakah ais dhivehi fuluhunnah jismaanee gothunnaa ehenihen goigothun dhemundhaa hamalaa thah kuvveri kuran. Dhivehi Sifainnaa Dhivehi Fuluhunge qadharaa izzai dhifaau koh himaayai kurumah masakkai kuranjehey.
— Dr Mohamed Muizzu (@MMuizzu) July 13, 2020
ފުލުހުން ބުނެފައިވާ ގޮތުގައި އައިލެންޓް އެކްސްޕެޓް ކުންފުނީގެ ބިދޭސީން މުވައްޒަފުންގެ މުޒާހަރާ ކޮންޓްރޯލް ކުރަން ދިޔުމުން ފުލުހުންނަށް ވަނީ އޭގެ ތެރެއިން ބައެއް މީހުން ހަމަލާ ދީފަ އެވެ. އެގޮތުން އެ މީހުން ގާބުރި އާއި ލަޓިބުރި ފަދަ ތަކެތި ފުލުހުންނާ ދިމާލަށް އުކުމުން ބައެއް ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ބައެއް ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.
މުޒާހަރާކުރި މީހުންގެ ތެރެއިން ފުލުހުންނާ ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުވާ 41 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.