"އަޑީ ދައުލަތް" ހޯދަން މަޖިލީހަށް ޖާބިރުގެ ކުއްލި މައްސަލައެއް
"އަޑީ ދައުލަތް" ހޯދަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ. މި މައްސަލަ އަށް ބަހުސް ކުރުމަށް ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 20 މެމްބަރުންގެ ތެރެއިން 11 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ގާނޫނު އަސާސީގެ 1 ވަނަ ބާބުގެ 2 ވަނަ މާއްދާގައި ރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، ސުންނީ މުސްލިމުންގެ މައްޗަށް ބިނާވެފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިގްރާތީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއްކަން ސަރީހަ އިބާރާތުން ބަޔާންކޮށްފައިވީ ނަމަވެސް، ހަގީގަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާ "އަޑީ ދައުލަތުގެ" ބާރު ރާއްޖޭގައި ވަކިހިތްޕަމުންދާ ކަމަށެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓުތަކުން ވެސް "އަޑީ ދައުލަތުގެ" ބިރުވެރިކަން ވަޒަން ކުރެވިފައިވާ ކަމަށާއި، އަދި މިހާރުވެސް ރައީސް ސޯލިހާއި، ރައީސް ނަޝީދު އަދި މަޖިލީހުގެ 20 މެމްބަރުންނަށް "އަޑީ ދައުލަތުން" އަންނަނީ ލާދީނީ ފިކުރުގެ ބައެއް ކަމުގެ އިލްޒާމު އަޅުވައި މަރުގެ އިންޒާރު ދެމުން ކަމަށް ޖާބިރު ވިދާޅުވިއެވެ.
"ހުދު އަޅުގަނޑަށް ވެސް އަންނަނީ މަރުގެ އިންޒާރު ލިބެމުން. އުނގޫފާރު ދާއިރާގެ މެމްބަރު އަލްމަރުހޫމް ޑރ.އަފްރާޝީމް އަލީ އަނިޔާވެރި ގޮތެއްގައި ގަތުލުކުރުމުގެ ހިތާމަ ދިވެހި ރައްޔިތުން އަދިވެސް ގެންދަވަނީ ތަހައްމަލު ކުރަމުން" ޖާބިރު ވިދާޅުވިއެވެ.
އެހެންކަމުން މިހާރުން މިހާރަށް މި މައްސަލަ ހައްލުކުރުމަށްޓަކައި "އަޑީ ދައުލަތަކީ" ކޮބައިކަން ދެނެގަނެ، އެ ދައުލަތުގެ އެޖެންޑާ އާއި އެ ދައުލަތުގައި އިސްވެ ހަރަކާތްތެރިވަނީ ކޮން ބައެއްތޯ ސާފުކުރަން ބޭނުންވާ ކަމަށް ޖާބިރުގެ ކުއްލި މައްސަލައިގައި ވިދާޅުވެފައިވެއެވެ.