މެމްބަރުން ގަޑިޖެހުމުން މުސާރަ ކެނޑޭ ގޮތަށް ގަވައިދު ބަދަލުކުރަން ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަޑި ޖެހުމުން މުސާރައިން ކަނޑާ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރަން ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ގަޑިއަށް ހަމަނުވެ، ގަޑިއަށް ވަޑައިގެންނެވި މެމްބަރުން މަދުވުމާއި ގުޅިގެން ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުން މަޖިލީހަށް އިންތިޚާބުވެ ހުވާ ކުރައްވައިގެން ތިއްބެވީ ޒިންމާތަކެއް އަދާކުރެއްވުމަށް ކަމަށެވެ.
މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ސޮއިކުރުމާއެކީ ވަޑައިގަންނަވާ ގަޑިވެސް ނޯޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައެވެ.
މިއާއެކީ މަޖިލީހުގެ ޖަލްސާތަކަށް ގަޑިޖެހިގެން ވަޑައިގަންނަވާ މެމްބަރުންގެ މުސަރައިން ކެނޑޭގޮތަށް މަޖިލީހުގެ ޤަވާއިދަށް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ. މަޖިލީހުގެ މަސައްކަތް ކުރިއަށްދާނީ މެމްބަރުން ގަޑިއަށް ހާޒިރުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންނެވުމުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"ޤަވާއިދު ކޮމިޓީގައި އަޅުގަނޑު އެބައެދެން މަޖިލީހުގެ ޤަވާއިދަށް ކުޑަބަދަލެއް ގެނެސް ދެއްވުމަށް. މަޖިލިސްގެ މަސައްކަތް ފަށާ ގަޑިއަކީ ހެދުނު 8:30. ޖަލްސާ ގަޑިއަކީ 9:00. އިއްޒަތްތެރި މެމްބަރުން މަޖިލީހަށް ވަޑައިގެން ގަޑި ޖެއްސެވުން އެއީ ކުރަންޖެހިފައިވާކަމެއް. މިހާރު ވަޑައިގެން ސޮއިކުރައްވާގޮތަށް، ފޮތުގައި އެއްކޮލަމް އަޅުގަނޑު އިތުރުކޮށްދޭނަން ގަޑި ޖެއްސެވުމަށް. އަޅުގަނޑު ދެކޭގޮތުގައި މުސާރައާއި، ގަޑިއާއި ގުޅުންއޮންނާނެ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.