އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ހުށަހެޅި މައްސަލަ ނުބެލޭނެކަމަށް ކޯޓުން ނިންމައިފި

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ހުށަހެޅި މައްސަލަ ނުބެލޭނެކަމަށް ހައި ކޯޓުން ނިންމައިފިއެވެ.
އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހެޅި މިމައްސަލައިގެ ތެރެއަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ތަދައްޚުލް ވެފައެވެ.
އެގޮތުން މައްސަލަ ހުށަހެޅި ފަރާތުން އެދިފައި ވަނީ ރައްކާތެރި މާހައުލެއް ޤާއިމް ވަންދެން އިންތިހާބު ފަސްކުރުމުގެ އަމުރަކަށާއި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލުމުގެ އަމުރަކަށެވެ.
މިމައްސަލައިގައި މިއަދު ބޭއްވުނު ހުކުމް އިއްވުމުގެ ޝަރީއަތުގެ އަޑު އެހުމުގައި ފަނޑިޔާރު ހަސަން ޝަފީއު ވަނީ ބައެއް ކަންކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ކޯޓުން ބެލީ އިންތިހާބާ ގުޅޭގޮތުން ހުށަހެޅި މި މައްސަލައަކީ ކޯޓަށް ބެލިދާނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ. އަދި އެ މައްސަލައަކީ ކޯޓަށް ބެލިދާނެ މައްސަލައެއް ނޫންކަމަށް ވިދާޅުވުމުން ފަނޑިޔާރު ޝަފީއުގެ ރައުޔަށް ހުރިހާ ފަނޑިޔާރުން ވަނީ އިއްތިފާޤް ވެފައެވެ.
މި މައްސަލަ ބެއްލެވީ ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއުއެވެ.