ރެއާލްއަށް މަލާމާތްކުރަން ވެގެން ފޭސް މާކް ލޮލުގައި އަޅައިގެން ބެންޗުގައި ބޭލް ނިދައިފި
ގެރެތް ބޭލްއަކީ ގިނަ ދުވަސްތަކެއްގެ މަސައްކަތުން ރެއާލް މެޑްރިޑަށް ގަނެވުނު ކުޅުންތެރިއެކެވެ. އެކުލަބާއި ގުޅުމަށްފަހު މުހިންމު މެޗުތަކުގައި ގޯލް ޖަހައި އޭނާވަނީ ކުލަބަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ދެ ފައިނަލާއި ކޮޕަ ޑެލްރޭގެ ފައިނަލެއްވެސް ހިމެނެއެވެ. ތިން މެޗުގައިވެސް ބޭލްވަނީ އޭނާގެ މުހިންމުކަން ސާބިތުކޮށްދީފައެވެ.
އެހެންނަމަވެސް ބޭލްއަށް މިހާރު ޓީމުން ޖާގަ ނުލިބެއެވެ. ގިނަ މެޗުތަކުގައި އިންނަން ޖެހެނީ ބެންޗުގައެވެ. ކުޑަމިނުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރެނީވެސް މަދު ފަހަރެއްގައެވެ. މިހާރުގެ ކޯޗު ޒިނެދީން ޒިދާން ބޭލްއާއިމެދު އެހާ ގަޔާއެއް ނުވެއެވެ. ފަހަރެއްގައި ޒިދާންގެ ސިސްޓަމަށް ބޭލް ފިޓު ނުވަނީއެވެ.
ރެއާލްގެ ފޯވަޑް ބޭލް ގޮލްފް ކުޅޭ ފޮޓޯތަކެއް އާންމުވެ އޭނާއަށް ފާޑުކިޔުން އަމާޒުވިއެވެ. އަނެއްކޮޅުން އޭނާ ވިއްކާލަން ރެއާލް މެޑްރިޑުން ބޭނުންވާކަމަށްވެސް އަޑުތައް ފެތުރުނެވެ. އަނެއްކާވެސް މިވަނީ ބޭލްގެ އެހެންކަމެއް ސޯޝަލް މީޑިޔާގައި ވައިރަލްވެފައެވެ.
އެންމެ ފަހުން ދިޕޯތިވޯ އަލަވޭސް މެޗުގައިވެސް ބޭލް އިންނަން ޖެހުނީ ބެންޗުގައެވެ. އޭނާ ބެންޗުގައި އިން ވަގުތު ފޭސް މާސްކް ލޮލުގައި އަޅައިގެން އޮތް މަންޒަރުވަނީ އާންމުވެފައެވެ. ބައެއް ސަޕޯޓަރުން ބުނަނީ ބޭލް މެޗު ބަލަން ބޭނުންނުވާތީ ނިދަނީކަމަށެވެ. އަނެއްބަޔަކު ބުނަނީ ޒިދާން ބޭލް ބޭކާރުކޮށްލުމުން އޭނާ މެޗު ބަލަން މާ ބޮޑު ޝައުގުވެރިކަމެއް ނެތީކަމަށެވެ.
އޭގެ ފަހުން މެޗުގައި ރެއާލްގެ ފަހު ބަދަލުގެ ގޮތުގައި ފޯވާޑް ބްރަހިމް ޑިއަޒް ކުޅެން އެރުމާއިއެކު ބޭލް ހޭން ހުންނަތަން ފެނެއެވެ. މިވީޑިއޯއަށް ކޮމެންޓްކުރި އެންމެންވެސް ބުނަނީ ބޭލް ކުލަބަށް މަލާމާތްކުރަނީކަމަށެވެ. އަދި ބޭލް މިހާރު ރެއާލްގައި ހުންނަން ބޭނުންނުވާކަމަށެވެ.
ބޭލްއަށް މީގެ ކުރިން އިނގިރޭސި ކުލަބުތަކުންނާއި ޗައިނާގެ ކުލަބުތަކުން ހުށަހެޅުން ލިބުނެވެ. ނަމަވެސް ރެއާލްއިން އޭނާ ވިއްކާލަން އެއްބަސް ނުވީއެވެ. އަންނަ ސީޒަންގައި ބޭލް ވިއްކާލުމަށްފަހު ރެއާލް މެޑްރިޑުން ބޭނުންވަނީ ފޯވާޑެއް ގެންނާށެވެ. މިގޮތުން އެކުލަބުގެ ލޯ އަމާޒުވެފައި ހުރީ ޕީއެސްޖީގެ ކިލިއަން އެމްބާޕޭ ނުވަތަ ބޮރޫޝިޔާ ޑޯޓްމުންޑްގެ އެރިކް ހާލަންޑް ގަތުމަށެވެ