ހައިލަމްގެ ސުވާލު ޕީޖީއަށް: 150 ދައުވާ ކުރެވެން އޮއްވާ ހަތް ދައުވާއަށް ބަދަލުކުރީ ކީއްވެ؟
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 150 ދައުވާ ކުރެވެން އޮތް ކަމަށް ޕީޖީ ޙުސެއިން ޝަމީމް މިއަދު ވިދާޅުވުމުން، އެެއަދަދު ހަތް ދައުވާއަށް ތިރިކުރެއްވީ ކީއްވެތޯ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސުވާލު ކުރައްވައިފިއެވެ.
ދައުލަތުން ކޮށްފައިވާ ހަތް ދައުވާވެސް މިއަދު ކްރިމިނަލް ކޯޓުން ބާތިލު ކުރުމުން، މިއަދު ހަވީރު ޕީޖީ އޮފީހުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ އަދީބުގެ މައްޗަށް މިހާރުވެސް 150 ދައުވާ އުފުލޭވަރުގެ ހެކި ހުރިކަމަށާއި އެދައުވާތައް އުފުލައިފިނަމަ އަދީބުގެ މައްޗަށް 806 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.
“އަޅުގަނޑުމެންނަށް އަދީބުގެ އިއުތިރާފް އެއްބަސްވުމާ ނުލައިވެސް 150ވުރެ ގިނަ ދައުވާ އުފުލެން އެބަހުރި. އެ ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރަށްވުރެ ދިގު މުއްދަތުގެ ހުކުމް އަންނާނެ" ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.
އެކަމާއި ގުޅޭގޮތުން ކުރީގެ ގާޒީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އެއްބަސްވުމަކާނުލައި 150 ދަޢްވާކޮށް 800 އަހަރަށް ޖަލަށް ލެވެން އޮތްއިރު އެއްބަސްވުމެއް ހެދީ ދައުލަތަށް ކޮން މަޞްލަޙަތެއް އޮވެގެންތޯ؟ ދައުލަތުން އެތައް ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވިކަން ސާބިތުކުރެވޭނޭ ކިތާބީ ހެކި ލިބިފައިވާއިރު، 150 ދަޢްވާ 7 ދަޢްވާއަށް ބަދަލުކުރީ ކީއްވެތޯ؟" މިފަދައިންނެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން މިއަދު ބާތިލުކުރި ނަމަވެސް، އެހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.