އަދީބު ފުރުން މަނާކޮށްފި
ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސްގެ އަހުމަދު އަދީބުގެ މައްޗަށް ކުރި ހުރިހާ ދައުވާތަކެއް ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމުން އަދީބު މިނިވަން ވެފައި ވިޔަސް، ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން މިރޭ އަމުރެއް ނެރެފި އެވެ.
ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ހުންނެވި އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާ މިއަދު ކުރިމިނަލް ކޯޓުން ބާތިލް ކުރުމާއެކު އޭނާ ވަނީ މިނިވަންވެފަ އެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު ބަންދުގައި ހުރީ ކުރިމިނަލް ކޯޓުގައި އޮތް ދައުވާތަކާ ގުޅިގެންނެވެ.
ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސެއިން ޝަމީމް ވަނީ އަދީބު ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓުމަށް ހައިކޯޓުގައި އެދޭނެ ކަމަށް ވިދާޅުވެފަ އެވެ.
މިއާއެކު މިރޭ ކްރިމިނަލް ކޯޓުން ވަނީ އޭނާ ފުރުން މަނާ ކުރުމުގެ އަމުރެއް ނެރެދީފައި ކަމަށް މައުލޫމާތު ލިބެއެވެ.