ފްރަންޓްލައިން އެލަވަންސް މި މަހުގެ މުސާރައާ އެކު ލިބޭނެ: އެޗްޕީއޭ
ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށް ދޭން ސަރުކާރުން ނިންމައިފައިވާ ރިސްކް އެލަވަންސް މި މަހުގެ މުސާރައާ އެކު ލިބޭނެ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވަކިވަކި މުވައްޒަފުންގެ މައުލޫމާތު އެ މުވައްޒަފެއްގެ މިނިސްޓްރީން އެކަމަށް ހާއްސަ ޕޯޓަލް އަށް ފޮނުވުމުން މި މަހުގެ މުސާރައާ އެކު އެލަވަންސް ލިބޭނެ ކަމަށެވެ.
"ކުރިން ވެސް އަޅުގަނޑުމެން ދަންނަވާލާފައި އޮންނާނެ މިނިސްޓްރީތަކުން ބޭފުޅުންގެ މައުލޫމާތު ވަކި ޕޯޓަލްއެއް މެދުވެރިކޮށް އެންޓާ ކުރަން. އެގޮތަށް އެންޓާކޮށް ނިމިފައިވާ ނަމަ ޖުލައި މަހުގެ މުސާރައާ އެއްކޮށް އެ ބޭފުޅުންނަށް އެ އެލަވަންސް ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ،" ނަޒްލާ ވިދާޅުވި އެވެ.
ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއުލާން ކުރެއްވީ، މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ. ސަރުކާރުން ނިންމާފައިވާނީ، ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދިނުމަށެވެ.
އެ އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކެޓަގަރީ އަކީ ހައި ރިސްކް ކެޓަގަރީ އެވެ. އޭގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 އަށް ފައްސިވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތްކުރަންޖެހޭ މީހުންނެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހުންނާއި ލެބޯޓްރީގައި މަސައްކަތްކުރާ މީހުން އަދި ބަލި މީހުން އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނެވެ. ބަލި މީހުން އެޑްމިޓްކޮށްފައިވާ ތަންތަނަށް ވަންނަން ޖެހޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެ ކެޓަގަރީ އަށް އެލަވަންސްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. އެވެ.
މިއަދާ ހަަމައަށް އެ އެލަވްންސް ދީފައި ނުވާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ވީހާވެސް އަވަހަކަށް އެލަވަންސް ދިނުމަށް އެދި އިދިކޮޅު ޕީޕީއެމްގެ އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ.