އޮންލައިން ހެލްތު ޑެކްލެރޭޝަން ހުށަހަޅަންޖެހޭ ގޮތަށް ހަދައިފި
ރާއްޖެއަށް އަންނަ ދަތުރުވެރިންނާއި ރާއްޖެއިން ފުރާ ދަތުރުވެރިން ގެ "ޓްރެވެލާ ހެލްތް ޑެކްލަރޭޝަން ފޯމު" އޮންލައިން ކޮށް ހުށަހަޅާގޮތަށް ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ އެތެރެވާ ރާއްޖެއަށް އަންނަ އަދި ފުރާ ދަތުރުވެރިން، ދަތުރު ކުރުމުގެ 24 ގަޑިއިރު ކުރިން، މިފޯމް އޮންލައިންކޮށް ފުރުމަށް ފަހު ހުށަހަޅަންޖެހޭނެ ކަމަށެވެ.
މި ފޯމު ހުށަހެޅޭނީ މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް، "އިމުގާ" މެދުވެރިކޮށެވެ.
ޕޯޓަލްއަށް ވަނުމަށް ފަހު "Traveller Health Declaration" ނެެގުމުން މިކަމަށް ހާއްސަ ފޯމު ފެންނާނެ އެވެ.
"އިމުގާ" ޕޯޓަލްއަށް ޒިޔާރަތްކުރެވޭނީ imuga.immigration.gov.mv އިންނެވެ. އަދި އިމިގްރޭޝަންގެ ވެބްސައިޓް، www.immigration.gov.mv އަށް ގޮސް، މެނޫ ބާ އިން "އިމުގާ" ޕޯޓަލް ހިޔާރު ކުރުމުން ވެސް މިޕޯޓަލްއަށް ޒިޔާރަތް ކުރެވޭނެ އެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކުން ވެސް މިފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން ޓުއަރިސްޓުންނާއި، ވޯކް ވިސާ އަދި އެހެނިހެން ވިސާ ތަކުގައި ރާއްޖެ އަންނަ ބިދޭސީންނާއި އަދި ދިވެހިން ވެސް މި ފޯމު ފުރިހަމަ ކުރަން ވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ، މި ނާޒުކު ދަނޑިވަޅުގައި ބޯޑަރުގެ ކަންތައްތައް ހަރުދަނާކޮށް ބަލަހައްޓާ، ދަތުރުވެރިން އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމާއިއެކު ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ މި ފޯމު އޮންލައިން ކޮށް ތައާރަފު ކުރުމުގެ މަގުސަދު ކަމަށެވެ.