ވެށިފަހި މާލެ ޕްރޮގްރާމުގެ އެއްވެސް ލިޔެކިޔުމެއް ދައުލަތަކު ނެތް: އަސްލަމް
"ވެށި ފަހި މާލެ ޕްރޮގްރާމް"ގެ ލިޔެކިޔުންތައް ދައުލަތުގައި މިހާރު ނެތްކަމުގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް އެހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ ވެށިފަހި މާލޭގެ ޕްރޮގުރާމުތަކުގެ ތެރެއިން ފްލެޓަށް އެދުނު މީހުންގެ އެއްވެސް ލިޔެކިޔުމެއް ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ނެތްކަމަށާއި އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"އެއްސަރުކާރުން ކޮށްފައިވާ ކަންކަން އަނެއްސަރުކާރުން ގެއްލުވާލައި، އެކަން ނުވާނެ ގޮތަކަށް ހައްލެއް ހޯދަންޖެހޭ. ދައުލަތުގެ ލިޔެކިޔުންތައް ހުންނަންޖެހޭ. އެކަމަކީ ސަރުކާރާއި ހަވާލުވާ ބައެއްގެ ޒިންމާއެއް. މިއީ ވަރަށް ހިތާމަހުރިކަމެއް. ވެށިފަހި މާލޭގެ ޕްރޮގްރާމުގެ ލިޔުން ފެންނަން ނެތުން. މިކަން ތަހުގީގެއް ހިންގައިގެންވެސް ބަލަންޖެހޭ" އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ވެށިފަހި މާލެ ޕްރޮގުރާމުގެ ތެރެއިން ފްލެޓަށްލިޔުން ދޫކުރި މީހުން އަތުން ލިޔުން ގެއްލިގެން ދެން ފްލެޓަށް އެދުނު ނަމަވެސް އެކަން ކޮށްދެވުމަކީ ދުރުކަމެއްކަމަށެވެ. ނަމަވެސް ލިޔުން އޮތް މީހުން ހުށަހަޅާލިޔުމަށްބަލައި އުސޫލުތަކުގެ ތެރެއިން އެކަން ހަމަޖެހިގެންދާނެކަމަށެވެ.
"މިސާލަކަށް މީހަަށް ލިބިފައޮތް ލިޔުމެއް، އެލިޔުން ހުށަހެޅީމަ އެލިޔުމުގައި އެގޮތަށް އޮތްކަމަށް ވަންޏާ އެގޮތަށް އަޅުގަނޑުމެން އެކަން ކޮށްދޭނެ. ފްލެޓެއް ހަމަޖައްސާފަ އޮތްކަމަށް ވަންޏާ އެކަން ހަމަޖައްސަން އޮތް އުސޫލުން އެކަން ކޮށްދޭނަން" އަސްލަމް ވިދާޅުވިއެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތަކާއި މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތަކުން މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރަން ވަނީ ކުރީން އެދިފައެވެ.