ރާއްޖޭގެ ބޯޑަރު އިތުރަށް ބަންދުކުރާނެ ކަމަށް ލަފާ ނުކުރެވޭ: ފައްޔާޒު
ރާއްޖޭގެ ބޯޑަރު އިތުރަށް ބަންދުކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ވަގުތީ ގޮތުން ޓުއަރިޒަމް މިނިސްޓަރުކަމާ ހަވާލުވެ ހުންނެވި ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރިތާ ތިން މަހަށްވުރެ ގިނަ ދުވަސްފަހުން އަލުން ބޯޑަރުތައް ހުޅުވާލުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، މިއަދަކީ އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ހާއްސަ ދުވަހެއްކަމަށެވެ.
ނިއު ނޯމަލްގެ ދަށުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވާއިރު، ފަތުރުވެރިކަމަށް އަދިވެސް އެންމެ ރައްކާތެރި މަންޒިލަކީ ރާއްޖެކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުގައި ހަދާފައިވާ ސާވޭތަކުންވެސް ރާއްޖެއަށް އޮތް ޑިމާންޑް ހާމަވެގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފައްޔާޒު ވިދާޅުވީ ކޮވިޑް ފެތުރުނު ދުވަސްވަރާއި މިހާރު ގެންގުޅޭ ވިސްނުން ތަފާތު ކަމަށާއި ދެވަނަ ފަހަރަށް ރާއްޖޭގެ ބޯޑަރު ބަންދުކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
"އޭރު ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ވިސްނަމުންދިޔައީ ވައިރަސް އަޔަ ނުދިނުމަށް. އެ ވިސްނުމުގައި ވަރަށް ހަރުކަށި ފިޔަވަޅު އަޅަމުންދިޔައީ. އެހެން ނަމަވެސް މިހާރު މުޅި ދުނިޔޭގައި އެބައޮތް. ދެން އޮންނާނީ މި ކޮންޓެއިން ކުރުމާއި މެނޭޖް ކުރުން. އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ ދެނެއް ބޯޑަރުތައް ބަންދުވާނެ ކަމަކަށް." މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒު ވިދާލުވީ ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ބަރޯސާ ވާނީ ރާއްޖޭގައި ކޯވިޑް ކޮންޓްރޯލްކުރެވޭ މިންވަރާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކޮވިޑް ޙާލަތު އޮންނާނެ ގޮތެއްގެ މައްޗަށްކަމަށެވެ. އެހެންނަމަވެސް މިދަނޑިވަޅުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިޙާރުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖެއަށް މިހާރުވެސް އޮޕަރޭޓްކުރަމުންދާ ބޮޑެތި އެއާލައިންތަކާއި، ޗާޓަރު ފްލައިޓްތައް އޮޕަރޭޓްކުރާ ފަރާތްތަކާއެކު ދަތުރު ފެށުމާގުޅޭގޮތުން މަޝްވަރާކޮށް، ރާއްޖޭގެ ޙާލަތު އެފަރާތްތަކަށް އޮޅުން ފިލުވައިދިނުމުގެ މަސައްކަތް ކުރައްވަމުންދާކަން މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވިއެވެ.