އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ދެގުނަ ބޮޑުކުރަން މަޖިލީހުން ފާސް ކޮށްފި
އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ދެގުނަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.
އެކްސްޕޯޓް އެންޑް އިމްޕޯޓް ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ގަމު ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ވިސާމް އެވެ. މި ބިލަށް މަޖިލީހުގެ ތަޅުމުގައި ވަބީ ގިނަ އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައެވެ. އެގޮތުން ކުޅުދުއްފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު ޔާސިރު އަބްދުއްލަތީފު ހުށަހެޅުއްވީ އެނާޖީ ޑްރިންކުން މިހާރު ނަގަމުންދާ ޑިއުޓީ ބޮޑު ކުރުމަށެވެ.
ޔާސިރު ހުށަހެޅުއްވީ އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ 60 ރުފިޔާ 55 ލާރިއަށް ބޮޑު ކުރުމަށެވެ. އެއީ މިހާރުގެ އެނާޖީ ޑްރިންކުގެ ޑިއުޓީގެ ދެގުނަ އަދަދެކެވެ. މިހާރު އެނާޖީ ޑްރިންކުން ޑިއުޓީގެ ގޮތުގައި 33 ރުފިޔާ 64 ލާރިއެވެ.
ޔާސިރު ހުށަހެޅުއްވި މި އިސްލާހަށް 58 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރި ނަމަވެސް އަތޮޅު ތަކުގެ ޕޯޓު ތަކަށް ގެންދާ އެނާޖީ ޑްރިންކުން ނަގާނީ ހަމަ ކުރިންވެސް ނަގަމުން ދިޔަ އަދަދު ލިޓަރަކަށް 33 ރުފިޔާ 64 ލާރިއެވެ.
މީގެ އިތުރުން އެކްސްޕޯޓް އިމްޕޯޓް ގެ ގާނޫނަށް މިއަދު ގެނައި އިސްލާހުގެ ދަށުން އަތޮޅު ތަކުގެ ޕޯޓުތަކަށް ގެންދާ މުދަލުގެ ތެރެއިން ސިނގިރޭޓު އަދި ރަލާއި އޫރު މަސް ފިޔަވާ އެހެން ހުރިހާ މުދަލަކުން ނަގާ ޑިއުޓީ އިން 50 އިންސައްތަ މާފުދޭން ވަނީ ފާސްކޮށްފައެވެ.