ފޭސްބުކުގައި ލޯބީގެ ގުޅުންތަކުގެ ވާހަކަ އިއުލާނު ކުރާ މީހުންގެ ދިރިއުޅުން އެހާ އުފާވެރި އެއް ނޫން
ފޭސްބުކަކީ މިހާރު އަހަރުމެން އެންމެންގެ އެންމެ ގާތް އެކައްޗެވެ. ރެސްޓޯރެންޓަކަށް ކާން އެރިޔަސް ނުވަތަ ހޮސްޕިޓަލަކަށް ވަނަސް ފޭސްބުކުގައި އެ ވާހަކަ ޖަހަން ޖެހެއެވެ.
ހަޔާތުގެ ކޮންމެ ސޮފްހާއެއް ފޭސްބުކުގައި ހިއްސާ ކުރާ މީހުން ވެސް މަދެއް ނޫނެވެ. މިފަދަ މީހުން އަލަށް މީހަކާ ބައްދަލުވާ ދުވަހުން ފެށިގެން ގޮސް ރައްޓެހިވެ ދެ މީހުން ރުޅިވާ ވާހަކަ ވެސް އެންމެ ފުރަތަމަ ދޫކޮށްލެވެނީ ފޭސްބުކަށެވެ.
ނަމަވެސް ފޭސްބުކުގައި ތިމާގެ ލޯބީގެ ވާހަކަ ހާމަ ކުރުމަކީ ހަމަ މަޖުބޫރު ކަމެއް ހެއްޔެވެ؟ ފަހުގެ ދިރާސާ އަކުން ދައްކާ ގޮތުގައި އުފާވެރި ދިރިއުޅުމެއްގެ ވާހަކަ އަބަދު ފޭސްބުކުގައި ލިޔަން ނުޖެހޭ ކަމަށާއި ގިނައިން ތިމާގެ ލޯބީގެ ވާހަކަ ފޭސްބުކުގައި ދައްކަނީ އެ ގުޅުމުގައި އެންމެ އުފާވެރި ނޫން މީހާ ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.
ހަމަ އެހެންމެ މި ފަދަ މީހުންނަކީ އަބަދުވެސް އަމިއްލަ އުފަލަށްވުރެ އެހެން މީހުން ވިސްނާ ގޮތާއިމެދު ފިކުރުކުރާމީހުން ކަމުގައިވެސް މި ދިރާސާއިން ހާމަވެގެންދެއެވެ.
އެހެންކަމުން ދެން މީހަކާއި ރައްޓެހި ވުމަށް ފަހު އެ ވާހަކަ ފޭސްބުކުގައި ޖެހުމުގެ ކުރިން ވިސްނާލާށެވެ. މި ވާހަކަ ފޭސްބުކަށް މި ދޫކޮށްލަނީ އަމިއްލަ އުފަލަށްޓަކައި ހެއްޔެވެ؟ ނުވަތަމީހަކަށް އެކަން ދައްކާލުމަށް ހެއްޔެވެ؟