އެއްވެ އުޅުމާ ގުޅިގެން އަޅާފައިވަނީ ވަގުތީ ފިޔަވަޅެއް: ސަރުކާރު
އެއްވެ އުޅުމާއި ގުޅިގެން އަޅާފައިވަނީ ވަގުތީ ފިޔަވަޅެއް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިހެން ބުނެފައިމިވަނީ ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް މުޒާހަރާއެއް ނުވަތަ އެއްވުމެއް ވެސް ނުބޭއްވޭނެކަން ހޯމް މިނިސްޓްރީން ހަނދާންކޮށްދީފައިވާތީ ބޭރުގެ ބައެއް ޖަމާއަތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފުލުހުންގެ ހުއްދަ ހޯދައިގެން އެއްވުންތައް ބޭއްވޭ ގޮތް ހަދާފައިވަނީ ވަގުތީ ގޮތަކަށް ކަމަށެވެ.
އަދި މިކަމުގައި ހުރި ކަންބޮޑުވުންތައް އެނގޭ ކަމަށާއި ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއި މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވީ ނަމަވެސް އެއްފަހަރާ 30 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ގިނަ ބައެއްގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާއިރު، މިގޮތުގައި ކުރިއަށް ދިޔުމަށް އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކުން ވެސް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން މި ބަޔާނުގައި ވަނީ ބިދޭސީންނާއި ގުޅުންހުރި ތަފާތު އެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުތަކުން ފެއިލްވެފައިވާ ކަމަށްވެސް ބުނެފައެވެ. ނަމަވެސް އެ މައްސަލަތަކަށް ހައްލެއް ގެންނަންޖެހޭކަން ގަބޫލުކޮށް އެކަމަށް ބަދަލުތަކެއް ގެނައުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.