އިންތިހާބަށް އިތުރަށް ހިނގާނެ ކަމަށް ލަފާކުރި ހަރަދުގެ ބަޖެޓު ލިބިއްޖެ: އިލެކްޝަންސް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކުގެ ސަބަބުން ލޯކަލް ކައުންސިލް އިންްތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އިތުރަށް ހިނގާނެ ކަމަށް ލަފާކުރި ހަރަދުގެ ބަޖެޓު ލިބިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިތުރަށް ހިނގާނެ ކަމަށް އިލެކްޝަންސް އިން ލަފާ ކޮށްފައި ވަނީ 42 މިލިޔަން ރުފިޔާއެވެ. ނަމަވެސް ބަޖެޓް ހޯދުމަށް އިލެކްޝަން ކޮމިޝަނުން މާލިއްޔަތު ކޮމިޓީގައި އެދުމުން ބައެއް ކަންކަން އުނިކޮށް، ބަޖެޓް ކުޑަކޮށް ދިނުމަށް އެދުމުން މިހާރު ވަނީ ބަޖެޓު ކުޑަކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުރަށް އަރާނެ ކަމަށް ލަފާކުރި 29.8 މިލިއަން ރުފިޔާގެ ބަޖެޓު ކޮމިޝަނަށް ލިބިފައިވާކަމަށެވެ.
މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ޝަރީފު މީގެ ކުރިން ވަނީ ބޮޑު ހަރަދެއް ހިނގާ އިރު އެފައިސާ ނުލިބި އިންތިހާބު ނުބޭއްވޭނެ ކަމަށް ވިދާޅުވެފައެވެ.
ޝަރީފު ވިދާޅުވީ އެންމެ ބޮޑު ހޭދައެއް ހިނގަނީ ވޯޓުލާ މަރުކަޒުގެ ކަންކަން އެޗްޕީއޭގެ ގައިޑުލައިންނާ އެއްގޮތަށް ކުރުމަށް ކަމަށެވެ. އެގޮތުން ވޯޓުލާ ކޮންމެ މަރުކަޒަކަށް އިތުރަށް ތިން އޮފިޝަލުން ނަގަން ޖެހޭ ކަމަށާއި ވޯޓުލާ މަރުކަޒުތަކަށް ބެކަޕް ޕްލޭންްއަކާ ނުލާ މުޅި ޖުމުލަ 8،000 އޮފިޝަލުން ބޭނުންވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ކޮވިޑް ބަލިމަޑުކަމުގައި އިންތިހާބު ބާއްވާނަމަ އިންތިހާބަށް ގިނަ އަދަދަކަށް ހަރަދު ކުރުމުގެ އިތުރުން ގިނަ ވަގުތު ވެސް ހޭދަ ވާނެ ކަމަށެވެ.