ކުޅިވަރު

ޓީމު ވަރުގަދަކުރަން ގާޑިއޯލާއަށް 150 މިލިއަން ޕައުންޑްގެ ބަޖެޓެއްދީފި

ދެން އެމްވީ ، ދެން އޮންލައިން

އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމަށް ކުޅުންތެރިން ގަތުމަށް މެންޗެސްޓަރ ސިޓީގެ މެނޭޖުމަންޓުން ކޯޗު ޕެޕް ގާޑިއޯލާއަށް 150 މިލިއަން ޕައުންޑްގެ ބަޖެޓެއް ދީފައެވެ.

Ads by Sosun Fihaara

ގާޑިއޯލާއަށް ބޮޑު ބަޖެޓެއް އެޓީމްގެ މެނޭޖުމަންޓުން ދީފައިމިވަނީ ދާދިފަހުން ޔުއެފާއިން އެޓީމާއި ދެކޮޅަށްކޮށްފައިވާ ސަސްޕެންޝަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން އުވާލުމުންނެވެ. މިހުކުމާއިއެކު ކުރިއަށް އޮތް ދެ ސީޒަންގައި ޗެމްޕިއަންސް ލީގު ނުކުޅޭވޭނެކަމަށް ޔުއެފާއިން ނިންމި ނިންމުންވަނީ ބާތިލްވެފައެވެ.

ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން މައްސަލަ ނިންމުމުގައި ފައިސާގެ ނުފޫޒުހުރިކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގުގެ ބޮޑެތި ޓީމްތަކުގެ ކޯޗުންވެސް ހިމެނެއެވެ.

ހޯސޭ މޮރީނިއޯ ބުނީ ފައިނެންޝަލް ފެއަރ ޕްލޭއޭ ކިޔައިގެން ޔުއެފާއިން ހަދާފައިވާ ގަވާއިދަކީ މިހާރު ބޮޑު ޖޯކެއްކަމަށެވެ. އަދި އެ ޤަވާއިދުގެ ދަށުން ފިޔަވަޅު ނޭޅޭނަމަ އެގަވައިދު އުވާލަން އޭނާ ގޮވާލިއެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެންޗެސްޓަރ ސިޓީގެ ދިފާއުގައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން މައްސަލަ ނިންމި ދުވަހަކީ ފުޓްބޯޅައިގެ ކަޅު ދުވަހެއްކަމަށެވެ. އަދި މިއީ ގަވާއިދާއި އެއްގޮތަށް އަމަލުކުރާ ޓީމްތަކަށް ލިބުނު ބޮޑު މާޔޫސްކަމެއްކަމަށް އޭނާ ބުންޏެވެ.

ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގެ މި ނިންމުމާއިއެކުސިޓީގެ އަމާޒު މިހާރު ހުރީ ޗެމްޕިއަންސް ލީގަށެވެ. އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމަށް ބޮޑު ބަޖެޓެއް ދީފައިވާއިރު، ގާޑިއޯލާވެސް އެކުލަބުގައި މަޑުކުރާނެކަންވަނީ ޔަގީންވެފައެވެ.ގާޑިއޯލާއަށް އައު ކޮންޓްރެކްޓެއް ދޭން ކުލަބުން ތައްޔާރުވަމުން އަންނަކަމަށްވެސް މީޑީޔާ ރިޕޯޓްތައް ބުނެއެވެ.

ޕެޕް ގާޑިއޯލާގެ އިތުރުން އެކުލަބު ދޫކޮށްލާނެކަމަށް ކުރިން ބެލެވުނު ކުޅުނުތެރިންވެސް މަޑުކުރާނެއެވެ. މިގޮތުން ވައިސް ކެޕްޓަން ކެވިން ޑި ބްރައިނާއާއި، ރަހީމް ސްޓާލިންގ އެހެން ކުލަބަކަށް ބަދަލު ނުވާނެކަންވަނީ ޔަގީންވެފައެވެ.

މެންޗެސްޓަރ ސިޓީން މިހާރު ފާރަލަމުން އަންނަ ކުޅުންތެރިންނަކީ ބަޔާން މިޔުނިކްގެ ޑޭވިޑް އަލަބާ، އިންޓަރ މިލާންގެ ލައުޓާރޯ މާޓިނޭޒް އަދި ވެލެންސިޔާގެ ފޯވާޑް ފެރަން ޓޮރޭސްއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!