ގޫގްލް މެޕުން ފަލަސްތީނުގެ ނަން ފޮހެލައިފި
ގޫގްލް އިން ނެރުނު އެންމެ ފަހުގެ އަޕްޑޭޓްގައި ވަނީ ގޫގްލް މެޕްސްއިން ފަލަސްތީނު ފޮހެލައިފައެވެ. މިކަމާމެދު ގިނަ އަދަދެއްގެ މުސްލިމުން އަންނަނީ މީސްމީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ.
މީސްމީޑިއާގައި ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ފަލަސްތީނު މެޕުން ފޮހެލީ ހަމަ އެކަނި ގޫގްލް އަކުން ނޫނެވެ. ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެޕަލް ކުންފުނިންވެސް ވަނީ ފަލަސްތީނު މެޕުން ފޮހެލާފައިކަމަށް އެފަރާތްތަކުން ބުނެއެވެ.
ގޫގްލް މެޕްސް އިން މިހާރު ފަލަސްތީނުގެ ޖާގައިން ފެންނަނީ ވެސް އިސްރާއިލުގެ ނަމެވެ. އޭގެ އިތުރުން އިސްރާއިލުގެ ވެރިރަށް ކަމަށް ކާފަރުން ދައުވާ ކުރާ ސިޓީ ކަމުގައިވާ ޖެރުސަލެމް ވެސް މެޕުން ފެނެއެވެ. އެ ސިޓީ އަކީ މި މުސްލިމުންގެ ފުރަތަމަ ޤިބުލަ ކަމުގައިވާ މަސްޖިދުލް އަޤްސާ އެ ބިމެއްގައި ވާ މާތް ބިމެވެ. ނަމަވެސް އިސްރާއިލުގެ ސިފައިން ވަނީ ފަލަސްތީނުގެ މުސްލިމުން އެ މިސްކިތުން ނެރެ އެ މިސްކިތަށް މުސްލިމުންނަށް ނަމާދަށް އެރުން ވެސް މަނާ ކޮށްފައެވެ.
ގޫގްލް މެޕުން ފަލަސްތީނު ފޮހެލަން ޖެހުނު ސަބަބެއް އަދި މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ގޫގްލް އިން ދީފައެއް ނުވެއެވެ. ނަމަވެސް މިއީ ގޫގްލް އިން ފަލަސްތީނު އެމީހުންގެ މެޕުން ފޮހެލި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. 2016 ވަނަ އަހަރު އަދި 2018 ވަނަ އަހަރުވެސް ގޫގްލް އިން ވަނީ ފަލަސްތީނު މެޕުން ފޮހެލާފައެވެ. ނަމަވެސް މީސް މީޑިއާގައި މުސްލިމުންނާއި އެހެންވެސް ބައެއް ފަރާތްތަކުން ނުރުހުން ފާޅު ކުރަން ފެށުމުން ފަލަސްތީނުގެ ނަން އޭރު ވަނީ ގޫގްލް މެޕުގައި އަލުން ހިމަނާފައެވެ.
ނަމަވެސް އެހެން ފަހަރުތަކާ ޚިލާފަށް މި ފަހަރު ފަލަސްތީނުގެ ނަންވެސް މި މެޕުގައި ފެންނަން ނެތްކަން ފާހަގަ ކޮށްލެވެއެވެ. މެޕުގައި ފަލަސްތީނުގެ އެއްވެސް ނިޝާނެއް ނެތެވެ.
ޓްވިޓަރ އަދި އެހެންވެސް މީސްމީޑިއާގެ ވިއުގަ ތަކުގައި އެތައް ބަޔަކު ދަނީ މިކަމާމެދު ނުރުހުން ފާޅުކޮށް ފަލަސްތީނުގެ ނަން އަލުން އަނބުރާ މެޕުގައި ހިމެނުމަށް ގޮވާލަމުންނެެވެ.