އަސްކަރިއްޔާގެ ސިފައިންނާއި ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނުތިބޭނެ: އެމްއެންޑީއެފް
އުތުރު ތިލަފަޅަކީ އެމްއެންޑީއެފްއިން ހިންގާނެ ތަނެއް ކަމަށާއި އަސްކަރިއްޔާގެ ސިފައިންނާއި ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްއިން މިކަން ހާމަ ކޮށްފައި ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ.
އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ރާއްޖޭގައި 60 އަހަރު ، ހަތިޔާރާއެކު ތިބެވޭނެ ކަމަށް ބުނާ ލިޔުމެއް އިއްޔެ ވަނީ ދައުރު ވެފައެވެ.
މި ލިޔުމަކީ އަސްލެއް ނެތް ލިޔުމެއް ކަން ފާހަގަ ކުރައްވައި ޝަމާލް ވިދާޅުވީ ސޮއިކުރި އެގްރީމަންޓުގެ ދަށުން އަސްކަރީ ސިފައިންނާއި ހަތިޔާރު އެޅި ސިފައިން ތިބޭނެ ކަމަށް ނޯންނާނެ ކަމަށެވެ.
"ސޮއިކުރި އެގްރީމަންޓުގައި އަސްކަރީ ބަޔަކު އެ ތަނުގައި ތިބޭނެ ވާހަކަ ނޯންނާނެ. ހަތިޔާރު އެޅި ބަޔަކު ތިބޭނެ ވާހަކަ ވެސް ނޯންނާނެ،" ޝަމާލް ވިދާޅުވި އެވެ.
ޝަމާލް އިތުރަށް ވިދާޅުވީ އެތަނަށް ގެންނާނީ އެތަނުގައި މަސައްކަތް ކުރާނެ ޓެކްނިކަލް މީހުން ކަމަށެވެ.
ޝަމާލް ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ އިންޑިޔާއާ ކުރެވުނު އެއްބަސްވުމުގައި ވަނީ އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި، މުއާޞަލާތީ ވަސީލަތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށެވެ.
އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމު ކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެ ކަމަށެވެ.