ފުނަދު އާއި އޭދަފުށީގައި ކޮވިޑް-19އަށް ފަރުވާދޭ މަރުކަޒު ހުޅުވައިފި
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އަތޮޅުތެރޭގައި ގާއިމުކުރާ ހަތް ފެސިލިޓީގެ ތެރެއިން ށ. ފުނަދޫ އާއި ބ. އޭދަފުށީ ފެސިލިޓީ މިރޭ ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
މި ދެމަރުކަޒު ހުޅުވުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރާއި ށ. ފުނަދޫ ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވީ މުވައްޒަފުން މިކަމަށް ތަމްރީންވެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ތައްޔާރަށް ތިބިކަމަށެވެ.
ކޮވިޑް-19އަށް ފަރުވާދިނުމަށް ހެދި މި ސެންޓަރުތަކުން 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ. އަދި ޒޯން އޭ ގައި ޤާއިމްކޮށްފައިވާ މަރުކަޒުގައި 20 އައިސީޔޫ ބެޑާ 30 އައިސޮލޭޝަން ބެޑްވަނީ ހަދާފައެވެ.
އޭދަފުށިގައި ޤާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީގައި އެއްފަހަރާ ޖުމްލަ 20 މީހުންނަށް ފަރުވާ ދެވޭނެއެވެ. މި ސެންޓަރުގައި ތިން ވެންޓިލޭޓަރު އެނދާއި ފަސް އައިސީޔޫ އެނދާއި 37 އައިސޮލޭޝަން ބެޑްވަނީ ބަހައްޓާފައެެވެ.
މިސެންޓަރު ހުޅުވުމާއެކު އޭދަފުށިން މިވަނީ ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެން ގޮސްފައެވެ.
ފެށޭ ހަފްތާގެ ތެރޭގައި ލ. ގަމާއި ގއ. ވިލިނގިލީގެ އިތުރުން އައްޑޫ ހިތަދޫގައި ވެސް ފެސިލިޓީތައް ހުޅުވޭނެ ކަމަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހުމަދު ވިދާޅުވިއެވެ.