ފައްސިވާ މީހުންގެ އަދަދު އިތުރުވިޔަސް އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދެވޭނެ: އަމީން
ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވިޔަސް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގައި ކުރިއަށް ދެވޭނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ލަފާދެއްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅެއްޖެ އެވެ.
ދެ ރަށެއްގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ސެންޓަރު ހުޅުވުމަށް އޮންލައިންކޮށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ކުރިމަތީގައި އޮތީ ބުރަ ދުވަސްތަކެއް ކަމަށާއި ހާއްސަކޮށް ސިއްހީ ހިދުމަތްތެރިން ކުރަން ހުރި މަސައްކަތް ގިނަ ކަމަށެވެ.
އަމީން ވިދާޅުވީ ކޮވިޑްގެ ނުރައްކަލަށް އަދި ބަދަލެއް ނާންނަ ކަމަށާއި އެ ބައްޔަށް ފަރުވާއެއް ވެސް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ބަލިން ރައްކާތެރި ވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް މެދުކެނޑުމެއް ނެތި އަޅަން ޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.
"ފަހަތަށް ދިޔަ ދުވަސްތަކަކީ ލުއި ދުވަސްތަކެއް ނޫން. އަދި ކުރިއަށް އޮތް ދުވަސް ތަކަކީ އެއަށް ވުރެ މާ ބުރަ ދުވަސްތަކެއް. ވަކިން ހާއްސަ ގޮތެއްގައި ސިއްހީ ހިދުމަތްތެރީންނަށް ބުރަ ދުވަސްތަކެއް،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ބޯޑަރުތައް ހުޅުވައި އެއްތަނުން އަނެއްތަނަށް ދިޔުމުގައި ކުރިއަށް ވުރެން ބޮޑަށް ފަސޭހަވެ ގޭ ބަންދަށް ނިމުމެއް އައިސްފައިވީ ނަމަވެސް ދެން އޮތީ ފަރުދީ ޒިންމާ ފުރިހަމައަށް އަދާކޮށް މި ބަލިން ރައްކާތެރިވުން ކަމަށެވެ.
މިހާ ހިސާބުން ކުރަން އޮތް ކަމަކީ އަޅުގަނޑުމެން އަމިއްލައަށް ރައްކާތެރިވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމު މަސައްކަތް ކަމުގައި ދެކިގެން މަސައްކަތް ކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.