ތިހެން ނުހަދާ؛ އެ ޓީޗަރުން އެ އުފުލަނީ ބޮޑު ބުރައެއް
އުމުރުން ދުވަސްވީ ޓީޗަރަކު ނަގައިދިން އޮންލައިން ކްލާހެއްގައި ދަރިވަރަކު ޓީޗަރަށް ފުރައްސާރަކޮށް މަލާމާތްކުރި ވާޙަކައިން އެތައް ބަޔަކު ރޮއްވާލައިފިއެވެ.
މިކަން އިންސްޓަގްރާމް ގައި މީހަކު ހިއްސާކުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށްލިބިފައެވެ. އެގޮތުން ޕޯސްޓު ހިއްސާކުރި މީހާ ވަނީ ކަން ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ލިޔެފައެވެ.
55 އަހަރުގެ މި ޓީޗަރަށް ސުކޫލުން އޮންލައިން ކޮށް ކްލާސް ނަގައިދެން އެންގުމުން އޭނާ ޒޫމް ބޭނުން ކުރާނެ ގޮތް ދަސްކުރީ އޭނާގެ ދަރިފުޅުގެ ކައިރިންނެވެ. ކިތަންމެ ބިރުގަނެފައި ހިތް އަވަސްވީ ކަމުގައި ސުކޫލުން އެގޮތަށް އެންގުމުން އެއްވެސް ދެކޮޅު ހެދުމެއްނެތި އެކަމަށް އެއްބަސްވީއެވެ. އަދި ކްލާސް ނަގައިދިނުމަށް ވައިޓު ބޯޑެއް ގަނެ އެކަމަށްވާންޖެހޭ އެންމެހާ ތައްޔާރީތައް ވެސް ވިއެވެ.
ފޮނި އުންމީދުތަކަކާއެކު 2 މަސް ފަހުން ދަރިވަރުންނާ ބައްދަލުވުމަށް ކުރި އުންމީދު ތައް ވިއްސި ވިހާލިވެގެން ދިޔައީ އެންމެ ކުއްޖެއްގެ ސަބަބުންނެވެ. ކްލާސް ފެށިތަނާހެން ކާކުކަން ނޭނގޭ އައިޑީ އަކުން އެ ޓީޗަރާ ދިމާލަށްވަނީ ހަޑި ހުތުރު ބަސް ބޭނުން ކޮށްފައެވެ.
ކުރާނެ އިތުރު ކަމެއް ނޭނގޭ ހާލު އާއި އައި ރުޅީގައި އެދަރިވަރާ ދިމާލަށް އެއްޗެހި ކިޔުނު ނަމަވެސް އެކަމެއް ނުހުއްޓުނެވެ. މިއުޓުކޮށްލި ނަމަވެސް ދަރިވަރުންނަށް އަލުން އަންމިއުޓް ކުރެވޭތީ އަނެއްކާވެސް އެ ދަރިވަރު ކިޔަމުން އައި އެއްޗެހި ފެށީއެވެ.
ލަދުގަނެ، ގޮތް ހުސްވެ އެންމެ ފަހު ޓީޗަރު ޖެހުނީ އެކްލާސް ނިންމާލާށެވެ.
ކްލާސް ނިމުމާއެކުހެން ޓީޗަރަށް ރޮވުނު ކަމަށާއި އޭނާގެ ބައްޕަ މިހާތަނަށް އެވަރަށް ރުއި ދުވަހެއް އަދި ނުދެކެން ކަމަށް އެ ޓިޗަރުގެ އަންހެން ދަރިފުޅު ބުނެފައިވެއެވެ. އަދި މިއީ ހަޔާތުގައި ވެސް އެންމެ ލަދުގަތް ދުވަސްކަމުގައި ބައްޕަ ބުނި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މުޖުތަމައުގެ ތެރޭގައި ޓީޗަރުން ކުރާ ބުރަ މަސައްކަތް ފާހަގަނުކުރާ ކަމަށާއި އަގުވަޒަން ނުކުރާ ކަން މިކަމުން ވެސް އެނގިގެން ދިޔަ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އއެ ދަރިވަރާއި މެދު ފިޔަވަޅު އެޅުމަށް ވެސް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.