މިނިސްޓަރު އިމްރާނަށް ހަދާފައި ހުރި ސިހުރު ނައްތާލަން ސަހަރާ ކޮނެފި
ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ އަށް ހަދާފައި ހުރި ސިހުރެއް ނައްތާލުމަށް މާފަންނު ސަހަރާ ކޮނެފިއެވެ.
އިމްރާން އަށް ސިހުރު ފަންޑިތައިގެ އުނދަގޫތަކެއް ވާތީ އެކަމުން ސަލާމަތް ވުމަށް ރުގުޔާ ކުރާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ ވީޑިއޯއިން ފެންނަނީ މިނިސްޓަރު އިމްރާނު މައިކެއް ހިއްޕަވައިގެން ގުރުއާނުގެ ވަކި އާޔަތްތަކެއް ކިޔަވަމުން ގެންދަވާ ތަނެވެ. އަދި އެ އާޔަތްތައް ކިޔުއްވަން ފެެއްޓެވުމުން ނޭވާލާން އުނދަގޫވުމާ ކިޔަވަން އުނދާގޫވެގެން އުޅޭ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ. ކައިރީގައި އިތުރު މީހެއް އިނދެ މިވެނި އާޔަތެއް ހަތް ފަހަރު ކިޔޭތޯ މަސައްކަތް ކުރުމަށް އިމްރާނަށް އިރުޝާދު ދޭ އަޑު އެ ވީޑިއޯއިން އިވެ އެވެ.
"ވަގުތު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސަހަރާ ކޮނެފައި ވަނީ މިމަހުގެ ކުރީކޮޅު ފުލުހުން ވެސް ތިބެގެންނެވެ. ސަހަރާ ކޮނުނު މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި އާއްމު ވެފައި ވެއެވެ. އެފޮޓޯތަކުން ފުލުހުން ފެނުނު ނަމަވެސް އެމައްސަލަ އާއި ގުޅިގެން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.
މަޣުރިބު ނަމާދާއި އިޝާނަމާއި ދެމެދުގެ ވަގުތެއްގައި ފުލުހުންނާއި އެކު ބަޔަކު ސަހަރާއަށް ވަދެ އެތަނުން ކޮނެގެން ނަގާފައިވާ ތަކެތީގެ ތެރޭގައި ލިޔެފައި ހުރި ފޮތިގަނޑަކާއި، އިންސާނާގެ ސޫރަ ކުރަހާ އޭގައި ލިޔެފައި ހުރި ލަކުޑިތަކަކާއި އަދި ލިޔެފައި ހުރި ފަތްތަކެއްވެސް ހިމެނޭ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.