ފުރަތަމަ ފަހަރަށް ލޭ ނަގައިގެން ކޮވިޑް-19 އަަށް ޓެސްޓުކޮށްފި : ނަތީޖާ އެންމެ 20 މިނެޓުން
މުޅިން އަލަށް ކޮރޯނާ ވައިރަހުގެ ޓެސްޓެއް ލޭ ނަގައިގެން އޮސްޓްރޭލިއާގައި ހަދައިފިއެވެ. މީގެ ކުރިން އެއްވެސް ބަޔަކަށް ލޭގެ ޓެސްޓަކުން ކޮރޯނާ ވައިރަހަށް ޓެސްޓު ކުރެވިފައެއް ނުވެއެވެ. ނަމަވެސް އޮސްޓްރޭލިއާގައި ހެދި މި ޓެސްޓްގެ ނަތީޖާ 20 މިނެޓުން ލިބޭ ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ.
މިއީ ހަމަ ގައިމުވެސް ވަރަށް ބޮޑު ކުރިއެރުމެއް ކަން ޔަގީނެވެ. މިހާ ބޮޑު ކުރިއެރުމެއް ހޯދީ މޮނާޝް ޔުނިވާރސިޓީ ކެމިކަލް އިންޖިނީރިން ޑިޕާރޓްމަންޓު އަދި އޭއާރުސީ ސެންޓަރ ފޯރ އެކްސެލެންސް އިން ކޮންވަރޖަންޓް ބަޔޯނަނޯ ސައިންސް އެންޑް ޓެކްނޮލޮޖީގެ ހޯދުންތެރިން ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހޯދުންތެރިން މައުލޫމާތު ދޭ ގޮތުގައި މި ޓެސްޓުން ކޮވިޑް 19 ކުރިން ޖެހި ރަނގަޅުވެފައި ނަމަވެސް އެނގޭނެއެވެ. އަދި ކޮރޯނާ ވައިރަސް މިހާރު ޖެހިފައިވޭތޯ ނުވަތަ ނޫންތޯ ވެސް އެންމެ 20 މިނެޓުގެ ތެރޭގައި އެނގިގެންދާނެއެވެ
ކޮރޯނާ ވައިރަހަށް ލޭ ނަގައިގެން ޓެސްޓު ކުރެވޭނެ ގޮތް ހޯދިފައި ވާއިރު އެ ހޯދުންތެރިންވަނީ މިކަން ފުޅާ ކުރުމަށް އެ ގައުމުގެ ސަރުކާރުގެ ފަރާތުންވެސް އެހީތެރިކަމަށް އެދިފައެވެ.އަދި ހަމައެހެންމެ މި ހޯދުންތެރިން މައުލޫމާތު ދޭ ގޮތުގައި ގަޑިއިރެއްގެ ތެރޭގައި މިގޮތަށް ޓެސްޓުކޮށްގެން 100 އަށް ވުރެ ގިނަ މީހުން ޓެސްޓު ކުރެވިދާނެއެވެ.
މިހާ އަވަހަށް ޓެސްޓުގެ ނަތީޖާ ލިބުމުގެ ސަބަބުން ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު މަދުވުމަށް ވެސް އެހީތެރިވެދޭ ކަމަށް މި ހޯދުންތެރިން ބުނެއެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގް ހެދުމަށްވެސް އިތުރު ފަސޭހަތަކެއް ވެގެން ދާނެ ކަމަށް އެ ހޯދުންތެރިން ފާހަގަ ކުރެއެވެ.
ކޮރޯނާ ވައިރަހަށް މިހާރު ޓެސްޓު ކުރާ ގޮތަކީ ވަރަށް ގިނަ ބަޔަކު ޓެސްޓު ކުރަން ޖެހިލުން ވާ ގޮތެކެވެ. ނަމަވެސް ލޭގެ ޓެސްޓަކީ އާންމުކޮށްވެސް ގިނަ ބަޔަކު ބާވަތުގެ ޓެސްޓަކަށް ވާތީ ލޭ ނަގައިގެން ކޮވިޑް 19 އަށް ޓެސްޓު ކުރެވުން ވާނީ ގިނަ ބަޔަކަށް ލިބިގެންދާ އުފާވެރި ހަބަރަކަށެވެ.